ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ ކަމަށްވާ ޝަރުވަރީ ވާގް، މަޝްހޫރު ޑައިރެކްޓަރު ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުގައި ކާތިކް އާރްޔަންއާއެކު ފެނިގެންދާނެ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

އިމްތިއާޒް އަލީގެ ފިލްމު 'މައިން ވާޕަސް އާއުންގާ' ގައި ވޭދަންގް ރައިނާއާއެކު ޝަރުވަރީ ދެއްކި މޮޅު ހުނަރަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. މި ކާމިޔާބީއާއެކު، އޭނާގެ އަތުގައި މިހާރުވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޔަޝް ރާޖް ފިލްމްސްގެ 'އަލްފާ' އާއި ސޫރަޖް ބަރްޖަތިއާގެ 'ޔޭ ޕްރޭމް މޯލް ލިޔާ' ހިމެނެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ބޮލީވުޑް ހަންގާމާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަވް ރަންޖަން މިހާރު ދަނީ އޭނާގެ އާ ފިލްމުގެ ބަތަލާގެ ރޯލަށް ޝަރުވަރީ ގެނައުމާ މެދު މަޝްވަރާ ކުރަމުންނެވެ. މި ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަންއެވެ. މި މަޝްވަރާތައް އަދި އޮތީ ވަރަށް ކުރީކޮޅު މަރުހަލާއެއްގައި ނަމަވެސް، ޝަރުވަރީ މި ފުރުސަތާ މެދު ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ލަވް ރަންޖަން މިހާރު ކުރަމުންދަނީ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތެވެ. ސްކްރިޕްޓް އެއްކޮށް ނިމުމުން، 2026 ވަނ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޝަރުވަރީއަށް ފިލްމުގެ ވާހަކަ ރަސްމީކޮށް ކިޔައިދޭނެއެވެ. އޭގެ ކުރިން ކާތިކް އަށް ސްކްރިޕްޓް އިއްވައި، ހުރިހާ ކަމެއް ހަމަޖެހުމުން އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ.

ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، މި ފިލްމުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ޝަރުވަރީ މިހާރު އެންމެ ބޮޑަށް ތައްޔާރުވަމުންދަނީ އާލިއާ ބަޓާއެކު ފެނިގެންދާ އެކްޝަން ފިލްމު 'އަލްފާ' އަށެވެ. ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމުގައި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރުވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 3 ގައެވެ.



ކިޔުންތެރިންގެ ހިޔާލު