1998 ވަނަ އަހަރު ހިނގި ފުއްލާ މެރުމުގެ ހާދިސާއަށް ބިނާކޮށް އުފައްދާ ފިލްމު "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" އާ ގުޅޭގޮތުން އެ ފިލްމުގެ އެކްޓަރު ގޯވިންދު ނަމްދޭވް ދެއްކި ވާހަކަތައް ފިލްމުގެ ޑައިރެކްޓަރު ބާރަތު އެސް ޝްރިނޭޓް ދޮގުކޮށްފިއެވެ.

މި ފިލްމުގައި ބިޝްނޯއީ ދަރިކޮޅުގެ ހައްގުގައި ވަކާލާތުކުރާ ގާނޫނީ ވަކީލެއްގެ ރޯލު ކުޅެފައިވާ ނަމްދޭވް ދާދިފަހުން ބުނެފައިވަނީ، ފިލްމުގެ އަސްލު މައުޟޫއާއި އޭގެ މަގުސަދު އޭނާއަށް އޮތީ އޮޅުވާލާފައި ކަމަށެވެ. އަދި ސަލްމާން ޚާނާ ދެކޮޅު ފިލްމެއްކަން އެނގޭނަމަ އެ ފިލްމުގައި ބައިވެރިނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ޑައިރެކްޓަރު ޝްރިނޭޓް ބުނީ، ފިލްމުގެ ކޮންމެ މަންޒަރަކާއި ވާހަކައެއް ނަމްދޭވްއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މި މައްސަލައިގައި ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ ވަނީ ނަމްދޭވްއަށް ގާނޫނީ ނޯޓިސް ފޮނުވައި، ހަތް ދުވަސް ތެރޭގައި މާފަށް އެދުމަށާއި، 50 ލައްކަ ރުޕީސްގެ ޖޫރިމަނާއެއް ދެއްކުމަށް އަންގާފައެވެ. ޑައިރެކްޓަރު އިތުރަށް ފާހަގަކުރި ގޮތުގައި، ޝޫޓިން ކުރިއަށްދިޔަ އިރު ނަމްދޭވްއާއި އެހެން އެކްޓަރުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި، މިހާރު އޭނާ މިފަދަ ވާހަކައެއް ދައްކަނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ.

މީގެ އިތުރުން، އެކްޓަރު ސޯނޫ މިޝްރާވެސް ވަނީ މި ފިލްމާ ގުޅޭގޮތުން ޝަކުވާތަކެއް ކޮށްފައެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ މޭކަރުން ބޭނުންވީ ސަލްމާން ޚާނާ ދެކޮޅަށް މީޑިއާގައި ވާހަކަ ދެއްކުމަށެވެ. ނަމަވެސް ޑައިރެކްޓަރު ބުނީ ސޯނޫ މިޝްރާއަކީ ކާކުކަންވެސް އޭނާއަށް ނޭނގޭ ކަމަށާއި، ފިލްމުގެ ބަތަލަކީ ކާޝިފް އިގްބާލް ޚާން ކަމަށެވެ.

މި ފިލްމުގެ ޓީޒާ އާންމުވުމާއެކު، ސަލްމާން ޚާން ވަނީ ފިލްމު ހުއްޓުވުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ސަލްމާންގެ ވަކީލުން ބުނާ ގޮތުގައި މިއީ އޭނާގެ ޝަޚުސިއްޔަތަށް އުނިކަން އަންނަ ގޮތަށް އުފައްދާ ފިލްމެކެވެ. އެހެންނަމަވެސް ޑައިރެކްޓަރު ޝްރިނޭޓް ވަނީ މި ފިލްމުގައި ސަލްމާން ޚާން އެއްވެސް ގޮތަކަށް ނުދައްކާނެ ކަމަށާއި، އަންނަ މަހު ފިލްމު ރިލީޒްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު