ދެމަފިރިންގެ ދެމެދުގައި އޮންނަ ކައިވެނީގެ ގުޅުން ނިމުމަކަށް އައި ކަމުގައިވީނަމަވެސް، މައިންބަފައިންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާތައް ދެމިއޮންނާނެ ކަމަށާއި، އެ ޒިންމާ އަދާކުރުމުގައި ދެފަރާތުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "ނޭޝަނަލް ފެމިލީ މީޑިއޭޝަން" ތަމްރީން ޕްރޮގްރާމާއި، ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާ ގުޅޭގޮތުން ކުރި ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޢާއިލީ ގުޅުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުން ހާމަވާގޮތުގައި، ވަރީގެ ސަބަބުން ދެމަފިރިންނަށްވުރެ ބޮޑަށް އޭގެ ނޭދެވޭ އަސަރު ކުރަނީ ކުޑަކުދިންނަށް ކަމަށެވެ. އަދި ޢާއިލާގެ ތެރޭގައި ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން ކުދިންގެ ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބަދަހި މުޖުތަމަޢެއްގެ ބިންގަލަކީ ހަރުދަނާ ޢާއިލާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޢާއިލީ މައްސަލަތަކުގައި ލިބޭ ގެއްލުންތަކުން ކުދިން ރައްކާތެރިކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތަކެއް ތިބުން މުހިއްމު ކަމަށެވެ. އެގޮތުން ފެމިލީ މީޑިއޭޓަރުން މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމަށް ފަށާ މަސައްކަތަކީ މިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގައި މީޑިއޭޝަންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. މިހާތަނަށް މި ޚިދުމަތް ލިބެން ހުރީ ހަމައެކަނި މާލޭގައެވެ. މި މަޝްރޫޢުގެ ދަށުން އަންނަ ޖުލައި މަހު ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް