ސައުތު ސިނަމާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލަރ" ގެ ދެވަނަ ބައިގެ މަސައްކަތްތައް ފަށާފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން މި ފިލްމުގެ ހާއްސަ ފެނިލުމަކުން (ކެމިއޯ) ފެނިދާނެ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

މި ވަގުތު އިންޑިއާގައި އެންމެ އުންމީދީ އެއް ފިލްމުގެ ގޮތުގައި ބެލެވޭ "ޖެއިލަރ 2" އާ ގުޅޭގޮތުން މި އަޑުތައް ފެތުރެން ފެށީ، ރިތިކް ރޯޝަން އިންޑިއާގެ ޗެންނާއީއަށް ގޮސް އުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. ފޭނުން ބުނަމުންދަނީ ރިތިކް ޗެންނާއީއަށް ގޮސްފައިވަނީ ނެލްސަން ދިލީޕްކުމާރު ޑައިރެކްޓްކުރާ މި ފިލްމުގެ މުހިންމު މަންޒަރުތަކެއް ކުޅުމަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފިލްމުގެ އުފެއްދުންތެރިން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުގައި ރިތިކް ފެންނާނީ ފިލްމުގެ ކުރު ނަމަވެސް ވަރަށް ނުފޫޒުގަދަ ރޯލަކުންނެވެ. މިއީ ތެދު ޚަބަރަކަށް ވެއްޖެނަމަ، މުޅި އިންޑިއާގައި މި ފިލްމަށް އޮތް މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެއެވެ.

ކުރިން ބައެއް ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި މި ރޯލަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ޝާހްރުކް ޚާން އާއެވެ. ނަމަވެސް އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ މަސައްކަތްތައް ހުރުމުގެ ސަބަބުން އެ ފުރުސަތު ދޫކޮށްލީއެވެ. އެއާއެކު ފިލްމު އުފައްދާ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ ރިތިކް ރޯޝަން މި މަޝްރޫއުގައި ބައިވެރިކުރުމަށެވެ.

"ޖެއިލަރ 2" އަކީ 2023 ވަނަ އަހަރު ރަޖްނީކާންތު ކުޅުނު ބްލޮކްބަސްޓާ އެކްޝަން ފިލްމު "ޖެއިލަރ" ގެ ސީކުއަލްއެވެ. މި ފިލްމުގައިވެސް ރަޖްނީކާންތު ފެންނާނީ މުތުވޭލް ޕަންޑިއަންގެ ރޯލުންނެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މިތުން ޗަކްރަބޯޓީ، ވިދްޔާ ބާލަން، އެސް.ޖޭ ސޫރިޔާ އަދި ސޫރަޖް ވެންޖަރަމޫދޫ ހިމެނެއެވެ. މީގެ އިތުރުން ފުރަތަމަ ބައިން ފެނިގެންދިޔަ މޯހަންލާލް އަދި ޝިވަ ރާޖްކުމާރު ވެސް މި ބައިގައި ފެންނާނެ ކަމަށް ބެލެވެއެވެ.

ރަޖްނީކާންތުގެ އިތުރު މަޝްރޫއުތަކަށް ބަލާއިރު، ކަމަލް ހާސަން ޕްރޮޑިއުސްކުރާ "ތަލައިވަރު 173" އާއި، އަދި ކަމަލް ހާސަންއާ އެކު ނެލްސަން ޑައިރެކްޓްކުރާ ހާއްސަ ފިލްމެއްގެ މަސައްކަތް ވެސް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް މިވަގުތު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ރިތިކް ރޯޝަން "ޖެއިލަރ 2" އިން ފެނިދާނެތޯ އުފެދިފައިވާ ސުވާލަށެވެ.



ކިޔުންތެރިންގެ ހިޔާލު