ޕްރަބާސްގެ ކާމިޔާބު ފިލްމު "ކަލްކީ 2898 އޭޑީ" ގެ ސީކުއަލް ނުވަތަ ދެވަނަ ބަޔާ ބެހޭގޮތުން ފެތުރެމުންދާ ޚަބަރުތަކަށް އާ ދިރުމެއް ލިބިއްޖެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ ފިލްމުގެ ފުރަތަމަ ބައިގައި މުހިންމު ރޯލެއް އަދާކުރި ދީޕިކާ ޕަދުކޯންގެ ބަދަލުގައި އާލިއާ ބަޓް ފެނިގެންދާނެތޯ ބެލުމަށެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާލިއާ ބަޓް މި ފިލްމާ ގުޅެނީ ދީޕިކާގެ ބަދަލުގައެއް ނޫނެވެ. އޭގެ ބަދަލުގައި އާލިއާ ފެނިގެންދާނީ "މާ ވައިޝްނޯ ދޭވީ" ގެ ރޯލުން ކަމަށް ބެލެވެއެވެ. މި ރިޕޯޓްތައް ބުނާގޮތުން އާލިއާގެ ކެރެކްޓާއަކީ ކަލިޔުގާގެ "ޗިރަންޖީވީ" ނުވަތަ މަރުނުވާ މީހެއްގެ ގޮތުގައި، ސުމަތީ އާއި އޭނާގެ ދަރިފުޅު ރައްކާތެރިކުރުމުގެ ޒިންމާ އުފުލާ ކެރެކްޓާއެކެވެ.

މިކަމާ ގުޅޭގޮތުން ފިލްމުގެ ޑައިރެކްޓަރު ނާގް އަޝްވިން ބުނެފައިވަނީ، ސުމަތީގެ ރޯލު އަދާކުރާނެ ފަންނާނެއް އަދި ރަސްމީކޮށް އިޢުލާން ނުކުރާ ކަމަށާއި، މިހާރު ދެކެވޭ ވާހަކަތަކަކީ ހަމައެކަނި އަންދާޒާތަކެއް ކަމަށެވެ. ނަމަވެސް އެއީ ފިލްމުން އުނިނުކުރެވޭނެ މުހިންމު ކެރެކްޓާއެއްކަން އޭނާ ފާހަގަކުރިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ދީޕިކާ ޕަދުކޯން މި ޕްރޮޖެކްޓުން ވަކިވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދީޕިކާއާއެކު ދިގު ދަތުރެއް ކުރެވުނު ނަމަވެސް، ފިލްމަށް ބޭނުންވާ ފުރިހަމަ "ކޮމިޓްމަންޓް" ނުލިބުމުގެ ސަބަބުން ދެފަރާތް ވަކިވާން ނިންމީ ކަމަށެވެ.

ޚަބަރުތައް ބުނާގޮތުން ދީޕިކާ ފިލްމުން ވަކިވީ އޭނާގެ އުޖޫރަ 25 އިންސައްތަ ބޮޑުކޮށްދިނުމަށާއި، ދުވާލަކު މަސައްކަތްކުރާ ވަގުތު 7 ގަޑިއިރަށް މަދުކޮށްދިނުމަށް އެދުމުން، އެކަމަށް އެއްބަސްނުވެވުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ސީއެންބީސީ-ޓީވީ18 އަށް ދީޕިކާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާއަކީ އަބަދުވެސް އަމިއްލަ ހަނގުރާމަތައް ހިމޭންކަމާއެކު ކުރާ މީހެއް ކަމަށާއި، އުޖޫރައިގެ މައްސަލަތަކާއި މަސައްކަތުގެ މާހައުލާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް އަބަދުވެސް ކަރާމާތްތެރިކަމާއެކު ކުރިމަތިލާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު