ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއް- ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއް- ފޮޓޯ: އެމްއެންޔޫ
މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ދޫކުރާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ފޯމާއެކު ހުށަހަޅަން ނުޖެހޭނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސްއިން ބުނީ ޕްލޭސްމެންޓް ލެޓަރއެއް އޮވެގެން އެމް.ކިޔު.އޭ އިން އެ ލިޔުން ދޫކުރާ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން ފޯމު ހުށަހަޅާއިރު އެ ލިޔުން ނެތް ނަމަވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް، ޔުނިވަރސިޓީން ޕްލޭސްމެންޓް ލެޓަރ ލިބުމާއެކު އެމް.ކިޔު.އޭ އިން އެ ލިޔުން ހޯދައި، ވީ އެންމެ އަވަހަކަށް ޒަކާތު ހައުސްއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ޖުމްލަ 30 ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާ 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 20 ފުރުޞަތެވެ. މި ސްކީމުގެ ދަށުން މާސްޓާސް ލެވެލްއަށް 9 ފުރުޞަތު އަދި ޕީއެޗްޑީއަށް 10 ފުރުޞަތު ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާ އާއި މިޞްރުގައި ކިޔަވާ ކުދިންގެ ސްޓައިޕަންޑަށް 5 ފުރުޞަތު ވަނީ ޚާއްޞަކޮށްފައެވެ. އަދި އަންހެނުންގެ ޞިއްޙަތާ ގުޅޭ ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށްވެސް 5 ފުރުޞަތު މި ސްކީމުގެ ދަށުން ދިނުމަށް ވަނީ ނިންމާފައެވެ.

ޒަކާތު ސްކޮލަރޝިޕަށް މައިގަނޑު ގޮތެއްގައި ހުޅުވާލާފައިވަނީ އިސްލާމީ ދާއިރާތަކުންނެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، ޢަޤީދާ، އިސްލާމީ ތަރުބިއްޔަތު، ފިޤުހު އަދި އުޞޫލުލް ފިޤުހު ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ނޫސްވެރިކަމާއި، އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި އިސްލާމީ ދާއިރާތަކުގެ އިތުރުން، ހުށަހަޅާ ޕްރޮޕޯސަލްއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންތެރި ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެން ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް އޮންނާނެއެވެ.

މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.



ކިޔުންތެރިންގެ ހިޔާލު