މަޝްހޫރު އެކްޓަރު ނާނީގެ ކުރިއަށް އޮތް ފިލްމު "ދަ ޕެރަޑައިސް" އާ ގުޅޭގޮތުން ފިލްމީ ދާއިރާގައި އާ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ރިލީޒްކުރާ ތާރީޚާ ގުޅޭގޮތުން އުފެއްދުންތެރިން ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރު ސެޕްޓެމްބަރު 25 ގައެވެ.

މި ފިލްމު ރިލީޒްކުރާ ތާރީޚަށް މީގެ ކުރިންވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެންމެ ފުރަތަމަ ފިލްމު ރިލީޒްކުރަން ތާވަލުކުރީ 2026 ވަނަ އަހަރުގެ މާރިޗު މަހަށެވެ. ނަމަވެސް ފަހުން އެ ތާރީޚު އޮގަސްޓު މަހަށް ބަދަލުކުރިއެވެ. އޭގެ ފަހުން ފިލްމު ޑިސެމްބަރު މަހަށް ފަސްކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް، މިހާރު އެންމެ ގަދައަށް ދެކެވެނީ ސެޕްޓެމްބަރު 25 ގައި ފިލްމު ރިލީޒްކުރާނެ ވާހަކައެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން، މި ފިލްމުގައި ރާގަވް ޖުޔަލް ކުޅޭ "ވިކްރަމް މާލިކް" ގެ ކެރެކްޓާ ވަނީ އާންމުންނަށް ދައްކާލާފައެވެ. އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މި ވީޑިއޯގައި ރާގަވް ފެންނަނީ މީގެ ކުރިން ދުވަހަކުވެސް އޭނާ ނުފެންނަ ފަދަ ބިރުވެރި އަދި ވަރުގަދަ ސިފައެއްގައެވެ. ރަން ގަހަނާތަކާއެކު އޭނާ ފެންނަ ގޮތުން، ފިލްމުގައި އޭނާ ކުޅޭ ރޯލުގެ ވަރުގަދަކަން ހާމަވެގެންދެއެވެ.

މި ފިލްމުގެ ޑައިރެކްޓަރު ސްރީކާންތު އޮޑޭލާއާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން ރާގަވް ބުނީ، މިއީ ވަރަށް ފޯރިގަދަ

ތަޖުރިބާއެއް ކަމަށެވެ. ސްރީކާންތުގެ ކުރީގެ ފިލްމު "ދަސާރާ" ބެލި ކޮންމެ މީހަކަށްވެސް އޭނާގެ ފެންވަރު އެނގޭނެ ކަމަށާއި، މި ފިލްމުގައިވެސް އޭނާ ކުރަމުންދާ މަސައްކަތަކީ އާދަޔާޚިލާފު މަސައްކަތެއް ކަމަށް ރާގަވް ފާހަގަކުރިއެވެ.

ފިލްމު އުފައްދާ އެސް.އެލް.ވީ ސިނަމާސް އިން މީގެ ކުރިން ވަނީ ފިލްމު ރިލީޒްކުރާނީ 21 އޮގަސްޓު 2026 ގައި ކަމަށް ބުނެ ޕޯސްޓަރެއްވެސް އާންމުކޮށްފައެވެ. ނަމަވެސް، ފިލްމާ ގުޅޭ އާ އަޕްޑޭޓެއް ނުލިބި ގިނަ ދުވަސްތަކެއް ވުމަށްފަހު، މިހާރު ތާރީޚަށް އައިސްފައިވާ މި ބަދަލުގެ ސަބަބުން ނާނީގެ ފޭނުން ތިބީ ކޮންމެވެސް ވަރަކަށް މާޔޫސްވެފައެވެ. އުފެއްދުންތެރިން ކުރިން ބުނެފައިވަނީ ފިލްމު ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު