އުސްގެކޮޅު | ފޮޓޯ: މީސްމީޑިއާ
އުސްގެކޮޅު | ފޮޓޯ: މީސްމީޑިއާ
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ ކަމަށްވާ "އުސްގެކޮޅު" ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލަ ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަމަލަކީ ތާރީޚީ ބިނާއަކަށް ދީފައިވާ ބޮޑު އިހާނެތްތެރިކަމެއް ކަމަށާއި، މިކަން ފުލުހުންނާ ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ފިނޑި އަމަލު ހިންގި ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.

ސަގާފަތާއި ބެހޭ ވުޒާރާއިން ބުނީ، އުސްގެކޮޅާއި އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ހަވާލުކޮށްފައި ނުވާތީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެތަން ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.



އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން (6 ވަނަ) (1893-1903) ގެ ރަސްކަމުގައި ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އަގުހުރި ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ނިޝާނެވެ. މީގެ އިތުރުން، މީގެ 74 އަހަރު ކުރިން ރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި ތާރީޚީ އިމާރާތުގައެވެ.

އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަންނުވެރިކަމާއި ފަރުމާ ވަރަށް ފުރިހަމައަށް ދައްކައިދޭ މިފަދަ ބިނާތަކަށް ގެއްލުން ދިނުމަކީ، ރާއްޖޭގެ ސަގާފީ އަގަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއްކަން ފާހަގަކޮށް، ތަރިކައާ ބެހޭ ވުޒާރާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު