ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު (މ)
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު (މ)
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިއްޔެ ހަވީރު މާލެ ވަޑައިގެންފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، ވަޒީރު ހީނާ ވަލީދު މިމަހުގެ 16 އިން 20 އަށް ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ، އެ ޤައުމުގެ ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ސަގާފީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކުރެއްވި މުހިންމު ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ އެލަޔަންސް ފޯރ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ (އޭ.ސީ.އެޗް.އޭ) ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤްރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށާއި، މި ޒަމާނުގެ އީޖާދީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ތަރިކަ ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މުހިންމު ބައްދަލުވުންތަކެއް ވަނީ ބާއްވަވާފައެވެ. އެގޮތުން ޗައިނާގެ ނޭޝަނަލް ކަލްޗަރަލް ހެރިޓޭޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މިސްޓަރ ކިއާއޯ ޔުންފެއި އާއެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ދާރުލްއާސާރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، މި ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސަގާފީ މުއާމަލާތްތައް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ހަމައެއާއެކު، އިންޓަރނޭޝަނަލް ސެންޓަރ ފޯރ ދަ ސްޓަޑީ އޮފް ދަ ޕްރިޒަވޭޝަން އެންޑް ރީސްޓޮރޭޝަން އޮފް ކަލްޗަރަލް ޕްރޮޕަޓީ (އިކްރޮމް) ގެ ޑިރެކްޓަރ ޖެނެރަލް އަރޫނާ ގުޖްރާލްއާ ބައްދަލުކުރައްވައި، ތަރިކައިގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށާއި، ދާރުލްއާސާރުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޤައުމުގެ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމުގައި ތަރިކައިގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. އަދި އަލިފް (އޭ.އެލް.އައި.ޕީ.އެޗް) ޖަމިއްޔާގެ އެގްޒެކްޓިވް ޑައިރެކްޓަރ ވަލޭރީ ފްރޭލަންޑާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރިކައަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި، ރާއްޖޭގެ ދާރުލްއާސާރުތަކާއި ކުތުބުޚާނާތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒް ނުވަތަ ސުމޭކު ކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ވަޒީރު ހީނާ ވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އާއި، ޒެޖިއަންގް ލައިބްރަރީ އަދި ޗައިނާ ނޭޝަނަލް ސިލްކް މިއުޒިއަމް އަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ހިންގުމާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާލައްވައި، މުހިންމު މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރިކައާއި ސަގާފަތް ދިރުވައި އާލާކުރުމަށް އިސްކަންދެއްވާއިރު، ވަޒީރު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ މި ދާއިރާއިން ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް