މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް (ޖީ.އެމް.ޓީ.އެމް.އޯ) ގުޅިގެން، މާލެ ސިޓީ ކައުންސިލާއެކު ޚާއްޞަ ފޮލޯ-އަޕް ބައްދަލުވުމެއް ބާއްވައިފިއެވެ.

އިޤްތިޞާދީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، އެއްގަމު ދަތުރުފަތުރާ ގުޅޭ ބައެއް މުހިންމު ޒިންމާތަކާއި މަސްއޫލިއްޔަތުތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ބޭއްވި ބައްދަލުވުމެކެވެ. މީގެ ކުރިން މިކަމާ ގުޅޭގޮތުން ސިލްސިލާ މަޝްވަރާތަކެއް ކުރެވިފައިވާއިރު، މި މަސައްކަތްތައް ރަސްމީކޮށް ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލާމަރުކަޒީ އުސޫލުން ކައުންސިލަށް ބާރުތައް ދޫކޮށްލުމުގެ މަރުޙަލާ ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން، ޒިންމާތައް ބަދަލުވަމުންދާއިރު ޢާންމު ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެހެން ކަންކަން އިންތިޒާމުކުރުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޒިންމާތައް ސިޓީ ކައުންސިލަށް ފުރިހަމައަށް ބަދަލުކޮށް ނިމެންދެން، ކަންކަން ވިލަރެސްކުރުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ގަވާއިދުން ކޯޑިނޭޝަން ބައްދަލުވުންތައް ބޭއްވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން އުފެއްދި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީހަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ އިދާރާއެކެވެ. އެ އޮފީހުގެ މައިގަނޑު މަގުސަދަކީ މާލެ އާއި ހުޅުމާލޭގެ މަގުތައް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކަށައެޅުމާއި، އާބަން ޕްލޭނަކާ އެއްގޮތަށް މަގުތަކުގެ ފެންވަރު މަތިކުރުމެވެ.

މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކޮށް، މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ މިންވަރުގެ ކޯޓާ ކަނޑައެޅުންވެސް އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން، އަލަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ 30 ޕަސެންޓަށް ވުރެ އިތުރުނުވާ މިންވަރަކަށެވެ. އާ ގާނޫނު ތަސްދީގު ކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މާލެ ސަރަހައްދަށް އަމާޒުކޮށް މިފަދަ ހާއްސަ އޮފީހެއް އުފެއްދެވީ ދަތުރުފަތުރުގެ ދާއިރާގެ ގިނަ އަހަރުތަކުގެ ތަޖުރިބާއަށް ބެއްލެވުމަށްފަހު ކަމަށެވެ.

އަދި މިއީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބޮޑެތި ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިގެން ހިންގާނެ މުހިންމު އިދާރާއެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް