އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) - މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސްއޮންލައިން
އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) - މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސްއޮންލައިން
މާލޭގެ ބައެއް ބިންތައް ސަރުކާރުގެ ދަށަށް ގެންނަން ނިންމީ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބޭތީ، މަޝްރޫޢޫތައް ނުފެށި ލަސްވަމުންދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު، މަސް މާރުކޭޓާއި، ސަލްޓަން ޕާކާއި، ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ މުހިންމު 14 ބިމެއް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށް އިއުލާނު ނެރުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ހުކުރު ދުވަހުގެ ރޭ ކުއްލި ޖަލްސާއެއް ބާއްވައި، އެ ޖަލްސާއަށް ހާޒިރުވި ކައުންސިލަރުންގެ އިއްތިފާގުން މި މައްސަލާގައި ޝަރުއީ ކޯޓަށް ދާން ނިންމައިފައެވެ.

ކައުންސިލުން ކޯޓަށް ދާން ނިންމުމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުންދު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، ކައުންސިލުގެ ދަށުން ބިންތައް ނަގަން ނިންމަން ޖެހުނީ އެކަށީގެންވާ އެއްބާރުލުމެއް އެ ފަރާތުން ނުލިބޭތީ ކަމަށެވެ.

"އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ވަކި ތާރީޚަކަށް ރައްޔިތުންނަށް މުހިއްމު އަދި ކަންތައްތައް ނިންމަން ވައުދުވެފައި އޮއްވައި އެއްވެސް ފަރާތަކާ ހެދި ލަސްވާކަށް ބޭނުމެއް ނޫން. މިސާލަކަށް މިނިސްޓްރީއެއް ނޫނިއްޔާ އެސްއޯއީއެއްގެ މަސައްކަތެއް ވެސް އަވަސްކުރަން މަސައްކަތް މި ކުރަނީ ހުރިހާ ދިމާލަކުން ވެސް." މުންދު ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވަނީ، ކައުންސިލާ ހެދި ބައެއް މަސައްކަތްތައް ނުފެށި އަދި ބައެއް ކަންކަން ލަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

މާލޭގެ ބައެއް ބިންތައް ސަރުކާރުގެ ދަށަށް ގެންނަން ނިންމާފައިވާއިރު، ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް