ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ ދާއިރާއިން ކުރަށްވާ މަސައްކަތްތަކާއި ބައިނަލްއަޤްވާމީ މައިދާނުގައި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފިއެވެ.

މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް އެމަނިކުފާނު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސް މުޢިއްޒަށް މި އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.

މި ޝަރަފު ރައީސަށް އަރުވާފައިވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެމަނިކުފާނު ވެދެއްވާފައިވާ އަގުހުރި ހިއްސާއާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އެކި ދާއިރާތަކުން ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން މިފަދަ މަތިވެރި ޝަރަފެއް އެމަނިކުފާނަށް އެރުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚްރަކާއި ޝަރަފެއް ކަމަށެވެ.

މިއީ ރައީސް މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުނު ދެވަނަ ފަހަރެވެ. އެގޮތުން، މިދިޔަ އަހަރު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ އިސްލާމިކް ލީޑަރޝިޕާއި މަދަނީ ތަރައްޤީގެ ދާއިރާއިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މިއަދު ވަނީ މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ދަތުރުފުޅަކީ 2015 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ކުރިއަށް މިދަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.



ކިޔުންތެރިންގެ ހިޔާލު