ފިޔޯރީގައި ފެން ބޮޑުވެފައި
ފިޔޯރީގައި ފެން ބޮޑުވެފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 90 އިންސައްތަ ގެތަކަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔޯރީއަށް ބޯކޮށް ވާރޭ ވެހެން ފަށާފައިވަނީ ރޭ ދަންވަރު 1:30 ހާއިރެވެ. މެދުނުކެނޑި ބޯކޮށް ވާރޭވެހި، ރަށުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެފައިވީ ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައި ނުވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ. ނަމަވެސް، ހުއްޓާނުލާ ވެހެމުންދާ ވާރޭގެ ސަބަބުން މިހާތަނަށް ހަތަރު ގެއެއްގެ ފަރުނީޗަރަށާއި ހިފާގެންގުޅޭ ސާމާނަށް ފެނުގެ އަސަރުކޮށް، ގެއްލުންތަކެއް ވަނީ ވެފައެވެ.

ފިޔޯރީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު އަންނަނީ އިސްނަގައިގެން ކުރަމުންނެވެ. އެގޮތުން، ރަށުގެ އެކި ހިސާބުތަކުން ކޯރުތައް ކަނޑައިގެން މޫދަށް ފެން ބޭރުވާނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން، ދެ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރިއަށެވެ.

އެންޑީއެމްއޭ އިން ބުނީ ކައުންސިލާ ގުޅިގެން އެ ރަށުގެ ހާލަތު ވަރަށް ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވެސް ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

ދެކުނުގެ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު މެންދުރުފަހު 1:30 އިން ފެށިގެން ގއ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު