މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
މަޖިލީހުގެ ރައީސްގެ މުސާރަ 95 ހާހަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ މިހާރުުގެ މުސާރައަކީ 73،125 ރުފިޔާއެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް މުސާރައިގެ ގޮތުގައި 91،000 ލިބޭކަމަށް މަޖިލީހުގެ އިދާރާއިން ކޮމެޓީގައި މިއަދު ބުނެފައިވެއެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަވުމުން މުސާރަ ބޮޑުކުރަން 22،000 ރުފިޔާގެ އެލަވަންސެއް ހިމަނަން ވަނީ ހުށައަޅާފައެވެ.

އެގޮތުން މި ގެނެވުނު ބަދަލާއެކު މަޖިލީހުގެ ރައީސްގެ މުސާރައަކީ 95،125 ރުފިޔާއަށް ބަދަލުވެގެން ދާނެ އެވެ. މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި އެލަވަންސް އެއްކޮށްލުމުން ލިބެނީ 82،500 ރުފިޔާއެވެ. މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބެނީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމުން 10،000 ރުފިޔާއެވެ. އަދި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.

މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމުގެ އިތުރުން ވަޒީރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75،500 ރުފިޔާ ލިބޭގޮތަށްވެސް މިއަދު ފާސްކުރިއެވެ. ވަޒީރުންގެ މުސާރައަށް މިހާރު ލިބެނީ 58،500 ރުފިޔާއެވެ. އަދި ކާރު އެލަވަންސް 7500 ރުފިޔާ ލިބެއެވެ. އެއީ ޕެޓްރޯލަށް ދޭ 1000 ރުފިޔާއާއި ޑްރައިވަރު އެލަވަންސްގެ ގޮތުގައި ދޭ 6500 ރުފިޔާ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީން މިއަދު ނިންމީ ކާރު އެލަވަންސް މަހަކު 17،000 ރުފިޔާ އަށް ބޮޑުކުރުމަށެވެ. އައީ ޕެޓްރޯލަށް 2000 ރުފިޔާ، ޑްރައިވަރު އެލަވަންސަށް 12،000 ރުފިޔާ އާއި، ޑްރައިވަރު ލިވިން އެލަވަންސަށް 3000 ރުފިޔާއެވެ.

ހަމައެއާއެކު، ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސް އެލަވަންސްއެއް އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އެއާއެކު ރަށު ކައުންސިލް ރައީސުންނަށް ލިބޭ މުސާރަ 30،500އަށް އިތުރުވެ، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ 25،000އަށް އިތުރުވާނެއެވެ. އަދި ކައުންސިލަރުންނަށް ލިބޭ މުސާރަ 23،000 ރުފިޔާއަށް އަރާނެއެވެ.

މި ހުށައެޅުމަށް ދެކޮޅު ހެއްދެވީ ކޮމިޓީއަށް ޙާޟިރުވި އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ.



ކިޔުންތެރިންގެ ހިޔާލު