މިއަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ، ސައުތު ސުޕަސްޓާ ޕްރަބާސްގެ "ފައުޒީ" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވޭ ތާރީޚެއް ހާމަވެއްޖެއެވެ.

މަޝްހޫރު ޑައިރެކްޓަރު ހަނޫ ރާގަވަޕޫޑީ އިރުޝާދުދޭ މި ފިލްމު ރިލީޒްކުރުމަށް މިހާރު ތާވަލުކުރަމުންދަނީ މި އަހަރުގެ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.

އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތާރީޚީ ހަނގުރާމަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި އެކްޝަން ޑްރާމާގެ ރިލީޒް ތާރީޚާ މެދު އަދި ރަސްމީކޮށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ފިލްމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުން އެ ތާރީޚަށް ފިލްމު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

"ފައުޒީ" އަކީ އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރުގެ މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ޕްރަބާސް ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ. މި ފިލްމުން އަލަށް ތައާރަފުވާ އީމާންވީ އަންހެން ލީޑް ރޯލުން ފެންނައިރު، އިންޑިއާގެ ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މިތުން ޗަކްރަބޯޓީ، އަނޫޕަމް ކޭރް އަދި ޖަޔާ ޕްރަދާ މުހިންމު ބައިތަކުން

ފެނިގެންދާނެއެވެ.

ކުރިން މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި އޮތީ މިއަހަރުގެ މިނިވަން ދުވަހަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތްތައް ދިގުލައިގެން ދިއުމާ ގުޅިގެން، މި އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހަށް ފަސްކުރުމަށްފަހު، މިހާރު މިވަނީ ޑިސެމްބަރު މަހަށް އަމާޒު ހިފާފައެވެ.

ޕްރަބާސް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ބިރުވެރި މަޖާ ފިލްމު "ދަ ރާޖާ ސާބް" އިންނެވެ. މާރޫތީ ޑައިރެކްޓްކުރި އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން އެކި ކަހަލަ ޚިޔާލުތައް ލިބިފައިވާއިރު، މިހާރު އެ ފިލްމު އަންނަނީ ޖިއޯ ހޮޓްސްޓާ މެދުވެރިކޮށް ސްޓްރީމް ކުރަމުންނެވެ. މީގެ އިތުރުން "ބާހުބަލީ: ދަ ޓޯޗްބެއަރާ" ޑޮކިއު ސީރީޒްއިން ވެސް އޭނާ ވަނީ ފެނިގެންގޮސްފައެވެ.

ޕްރަބާސްގެ ކުރިއަށް ހުރި މަޝްރޫއުތަކަށް ބަލާއިރު، ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ "ސްޕިރިޓް" ފާހަގަކޮށްލެވެއެވެ. ތްރިޕްތީ ދިމްރީ އާއި ވިވެކް އޮބެރޯއީ މުހިންމު ރޯލުތަކުން ފެންނަ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާރިޗު މަހުގެ 5 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު