ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި އުޅަނދެއް، ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި އުޅަނދެއް، ފޮޓޯ: އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓެއް ދައުލަތަށް ނެގުމަށާއި، އެ ބޯޓުގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި "ޖަޔަން ޕުތާ 2" ނަމަކަށް ކިޔާ ލަންކާގެ އުޅަނދެއް މަސްވެރިކަން ކުރަން އުޅެނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތް މައްސަލައެކެވެ. އެ އުޅަނދު ހިފެހެއްޓި އިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ މަހާއި، މަސްވެރިކަން ކުރުމަށް ބޭނުންކުރާ ތަފާތު ސާމާނު ހުރިކަން ފާހަގަކުރެވިފައިވެއެވެ.

ސިވިލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ، އެ ބޯޓުގެ ވެރިފަރާތް ކަމަށްވާ އޭޖޭވީޑީ ސިލްވާ 600,000 ރުފިޔާއިން ޖޫރިމަނާކުރާ ކަމަށެވެ. އަދި މި ފައިސާ މިއަދު މެންދުރުފަހު 2:00 ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، ކުށްކުރުމަށް ބޭނުންކުރި ބޯޓު ދައުލަތަށް ނެގުމަށް ވެސް ކޯޓުގެ ހުކުމުގައިވެއެވެ.

މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތަކުގެ ވެރިފަރާތާއި އޮޕަރޭޓަރުން 400,000 ރުފިޔާއަށް ވުރެ މަދުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.

މި ގަޒިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައެވެ.



ކިޔުންތެރިންގެ ހިޔާލު