ސިވިލް ކޯޓު
ސިވިލް ކޯޓު
ހުޅުމާލޭގައި ތަރައްގީކުރި "ކޭ ޕާކް ރެސިޑެންސް" އިން ގަތް އެޕާޓްމަންޓެއް އެއްބަސްވި މުއްދަތުގައި ހަވާލުނުކުރި މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ދެއްކުމަށާއި ތަން ހަވާލުކުރެވެންދެން މަހަކު 25،000 ރުފިޔާ ދިނުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަނުން އިއްޔެ މި ހުކުމް އިއްވީ ނ. ހޮޅުދޫ، އޯކިޑްވިލާ، އާމިނަތު ވަދީފާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ. މި މައްސަލައިގެ ދައުވާ ފޯމާއި ލިޔުންތައް ހަވާލުކުރުމުންވެސް ކަނޑައެޅިފައިވާ މުއްދަތުގައި ހަންބޯ ކުންފުނިން އެއްވެސް ޖަވާބެއް ނުވަތަ ދިފާއެއް ހުށަހަޅާފައި ނުވާތީ، ޝަރީއަތުން މި މައްސަލަ ނިންމީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޭޕާކް އިމާރާތުގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް ގަތުމަށް 12 ޖޫން 2022 ގައި ވެވުނު އެއްބަސްވުމުގެ ދަށުން، ވަދީފާ ވަނީ އެ ކުންފުންޏަށް ޖުމްލަ 1،750،000 ރުފިޔާ ދައްކާފައެވެ. ނަމަވެސް، އެންމެ ލަސްވެގެން ޑިސެމްބަރު 2022 ގެ ނިޔަލަށް އެޕާޓްމަންޓް ހަވާލުކުރަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތް ނަމަވެސް އެ މުއްދަތުގައި ތަން ހަވާލުކޮށްފައެއް ނުވެއެވެ.

އެއްބަސްވުމުގައިވާ ގޮތުން، އެޕާޓްމަންޓް ހަވާލުކުރުން ލަސްވާ ކޮންމެ މަހަކަށް، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މަހަކު 25،000 ރުފިޔާގެ މަގުން ބަދަލު ދޭންޖެހެއެވެ. އެހެންކަމުން މައްސަލަ ހުށަހެޅުމާ ހަމައަށް ހިނގި 42 މަސްދުވަހަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1،050،000 ރުފިޔާ އަރާފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ގާޟީ ޒުލައިޚާ ޝީޒާ އިއްވެވި ހުކުމުގައި ވަނީ، އެ އެޕާޓްމަންޓަކީ އެއްބަސްވުމާ އެއްގޮތަށް ވަދީފާއާ ހަވާލުކުރަންޖެހޭ ތަނެއް ކަމަށް ކަނޑައަޅައި، މުއްދަތަށް ހަވާލުނުކުރުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ކަނޑައެޅި 10،000 ރުފިޔާއާއެކު ޖުމްލަ 1،060،000 ރުފިޔާ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަމުރުކޮށްފައެވެ. އަދި 3 ޖޫން 2026 އިން ފެށިގެން ވަދީފާއާ އެޕާޓްމަންޓް ހަވާލުކުރެވެންދެން، ކޮންމެ މަހަކަށް 25،000 ރުފިޔާގެ މަގުން އޭނާއަށް ދައްކަމުން ގެންދިއުމަށްވެސް ވަނީ އަންގާފައެވެ. ވަދީފާގެ ފަރާތުން ޝަރީއަތުގެ ހަރަދަށް 30،000 ރުފިޔާ ހޯދުމަށް އެދުނު ނަމަވެސް، މިއީ އިތުރު އަޑުއެހުންތަކަކަށް ނުގޮސް ނިންމި މައްސަލައަކަށް ވާތީ ކޯޓުން ނަގައިދިނީ 10،000 ރުފިޔާއެވެ.

ކޭ-ޕާކް ރެސިޑެންސްގެ މަޝްރޫއަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ފްލެޓް އޮޅުވާލުމުގެ މައްސަލައެވެ. އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، މެނޭޖިން ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ގިނަ އަދަދެއްގެ އެޕާޓްމަންޓް އެކި ފަރާތްތަކަށް އޮޅުވާލައިގެން ވިއްކި މައްސަލައިގައި ދައުލަތުން އުފުލި 94 ދައުވާއެއް ސާބިތުވެ، އޭނާ 397 އަހަރަށް ޖަލަށްލުމަށާއި 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ހުކުމްކޮށްފައެވެ.

އަދި މި މައްސަލައިގައި ބައިވެރިވި ޖައިޝަން ސައީދު 159 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ހަންބޯ މޯލްޑިވްސްގެ މައްޗަށް ވަނީ އެޕާޓްމަންޓްތައް ނިންމައި ހަވާލުކުރުމަށާއި ލަސްވި މުއްދަތަށް ބަދަލު ދިނުމަށް ޝަރުއީ ކޯޓުތަކުން މީގެ ކުރިންވެސް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް