މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-
މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-
މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ހަރަކާތްތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ ފޯ އެޑިއުކޭޝަން، އާޓްސް އެންޑް ކަލްޗަރ ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކި ހަރަކާތްތަކަށް ޖުމުލަ 4.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވާ ކަމަށެވެ. ނަމަވެސް، އެކި ހަރަކާތްތަކަށް ވަކިވަކިން ކުރި ޚަރަދުތަކުގެ ތަފުސީލީ ރިޕޯޓެއް މިނިސްޓަރު މި ޖަލްސާގައި ހުށަހަޅުއްވާފައެއް ނުވެއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިނިވަން 60 އިގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ހަމައެކަނި ވެރިރަށް މާލެއަށެވެ. ރާއްޖޭގެ އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި މުނާސަބަތާ ގުޅިގެން ރަސްމީ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވީ ވެސް މޯދީއެވެ.

މިނިވަން ދުވަހުގެ ޚަރަދުތަކާ ގުޅޭގޮތުން މަޖިލީހުގައި ސުވާލުކުރެވިފައި މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު