ފޯރޗުގަލްގެ ދެ ތަރިން: ރޮނާލްޑޯ އާއި ޑިއޭގޯ ޖެޓާ
ފޯރޗުގަލްގެ ދެ ތަރިން: ރޮނާލްޑޯ އާއި ޑިއޭގޯ ޖެޓާ
ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ޑިއޯގޯ ޖޮޓާ ކުއްލި ގޮތަކަށް މިދުނިޔެ ދޫކުރިތާ މިއަދަށް އެއް އަހަރު ފުރުނުއިރު، އޭނާއަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު މިއަދުވެސް ހަނދާން އާކުރެއެވެ. 3 ޖުލައި 2025 ގައި، ސްޕެއިންގެ ހުޅަނގު އުތުރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޖޮޓާ މަރުވީ އުމުރުން އެންމެ 28 އަހަރުގައެވެ. މި ހާދިސާގައި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ ވެސް ވަނީ މަރުވެފައެވެ. މި ހިތާމަވެރި ހާދިސާއާއެކު މުޅި ފުޓްބޯޅަ އާއިލާއަށް ބޮޑު ސިހުމެއް ލިބި، އެތައް މިލިއަން ސަޕޯޓަރުންނެއް ދިޔައީ ކަރުނަ އަޅަމުންނެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ އުހަށް ޖޮޓާ ކުރި ދަތުރަކީ އޭނާގެ ހުނަރާއި، އަޒުމާއި، އަދި ނުގުޑާ ފަދަ ހިތްވަރުގެ ނަތީޖާއެވެ. ޕޯޗުގަލް އާއި އިންގްލެންޑުގައި އޭނާގެ ހުނަރު ސާބިތުކޮށްދިނުމަށްފަހު، 2020 ވަނަ އަހަރު ލިވަޕޫލް އެފް.ސީ އާ ގުޅުމާއެކު އޭނާ ވެގެންދިޔައީ އެ ކުލަބުގެ އެޓޭކިންގް ލައިންގައި އެންމެ އިތުބާރު ކުރެވޭ އެއް ކުޅުންތެރިޔާއަށެވެ. ދަނޑުމަތީގައި އޭނާގެ ހަލުވި ހަރަކާތްތަކާއި، ލަނޑު ޖެހުމުގެ ތޫނުފިލިކަމާއި، އަދި ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނާއި، ކޯޗުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންގެ ލޯބި އޭނާއަށް ލިބުނެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީ 14 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ގައުމީ ޓީމުގައި އެންމެ އިހުތިރާމް ލިބިގެންވާ އެއް ފޯވާޑެވެ. ޖޮޓާގެ ބައިނަލްއަގުވާމީ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އުފެއްދި ވަރުގަދަ ޕާޓްނަޝިޕެވެ. ރޮނާލްޑޯގެ ތަޖުރިބާއާއި ލީޑަޝިޕާ އެކު، ޖޮޓާ ވެގެންދިޔައީ ރޮނާލްޑޯ އެންމެ އިތުބާރުކުރާ އެޓޭކިންގް ބައިވެރިޔާއަށެވެ.

ދަނޑުމަތިން ބޭރުގައި ޖޮޓާއަކީ އޭނާގެ ހިތްތިރިކަމާއި އާއިލާއަށް އޮތް ލޯތްބަށް މަޝްހޫރު ކުޅުންތެރިއެކެވެ. މި ހިތާމަވެރި ހާދިސާ ހިނގުމުގެ އެންމެ 11 ދުވަސް ކުރިން އޭނާ ވަނީ އޭނާގެ ލޯބިވެރިޔާ ރޫޓް ކާޑޯސޯއާ ކައިވެނިކޮށްފައެވެ. މި ދެމަފިރިންގެ ތިން ދަރިން ތިބި އިރު، މި ހާދިސާގެ ސަބަބުން އާއިލާއަށާއި ސަޕޯޓަރުންނަށް ލިބުނު ހިތްދަތިކަން އިތުރުވެގެންދިޔައެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވެސް ޖޮޓާގެ ހަނދާންތައް ވަނީ އާކޮށްފައެވެ. ޕޯޗުގަލްގެ ކުޅުންތެރިން އޭނާގެ ހަނދާނުގައި ހާއްސަ އަތްގަނޑެއް އެޅިއިރު، ލިވަޕޫލުން ވަނީ އެންފީލްޑްގައި ޖޮޓާ އާއި އޭނާގެ ކޮއްކޮގެ ހަނދާނުގައި ދާއިމީ ބިނާއެއް ބަހައްޓާފައެވެ.

ޖޮޓާގެ ހަޔާތް ކުރު ނަމަވެސް، ފުޓްބޯޅައަށް އޭނާ ކޮށްދިން ހިދުމަތްތައް އަބަދުވެސް ދެމިހުންނާނެއެވެ. ލިވަޕޫލް އާއި ޕޯޗުގަލްގައި އޭނާ ހޯދި ކާމިޔާބީތަކާއި، އޭނާގެ ފަންނީ ގާބިލުކަމުގެ ސަބަބުން ފުޓްބޯޅައިގެ ތާރީހުން އޭނާއަށް ވަނީ ހާއްސަ މަގާމެއް ލިބިފައެވެ. އޭނާ ވަކިވެދިޔަތާ އަހަރެއް ވީނަމަވެސް، އޭނާ ޖެހި ލަނޑުތަކާއި ހޯދި ކާމިޔާބީތަކުގެ އިތުރުން، އަންނަން އޮތް ޖީލުތަކުގެ ކުޅުންތެރިންނަށް އޭނާ ދޫކޮށްދިޔަ ނަމޫނާއަކީ ދުވަހަކުވެސް ފަނޑުވެގެންދާނެ ހަނދާންތަކެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު