ނަފާ ނަސީމް
ނަފާ ނަސީމް
ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރުވަމުންދާ ދިއުމާއި، ދައުލަތުގެ ޚަރަދުތައް ބޮޑުވަމުންދާ މައްސަލާގައި މަޝްހޫރު އިޤްތިޞާދީ މާހިރު، ނަފާ ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ މިބީދައިން ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ ބެލްޖިއަމަށާއި، ވިލާތުގެ އިއްތިޙާދަށް (އީޔޫ) ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަޤާމަށް، ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން ނަފާ ނަސީމް ވަނީ، މީސްމީޑިއާގައި މަޖާޒީ ގޮތުން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިއީ ސަރުކާރުން ޙާސިލްކުރި އައު މައިލްސްޓޯނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖީޑީޕީ ދެ ގުނަވާނެ. އިންފްލޭޝަން ދަށްވާނެ. ރޭޓިންގ ރަގަޅުވާނެ.. ކޮންމެ ދޮގަކީ މައިލްސްޓޯނެއް. ކޮންމެ ވައްކަމަކީ ރެކޯޑެއް. ކޮންމެ ކަރަޕްޝަނަކީ ރިވޯޑެއް. ވެރިންނާ ރައްޔިތުން ގުޅިގެން ދައުލަތެއް ދަވާލަނީ." ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، މިކަމާ ގުޅިގެންވެސް ސަރުކާރުގެ ދެއުޅިއެއްނުވާ ސިޔާސަތުތަކަށް ތާޢީދުކޮށް އަތްޖަހާނެ ރައްޔިތުންތަކެއް ތިބުމަކީ ހިތާމައެއް ކަމަށެވެ.

"ކޮބާތޯ ތަފާތަކީ އޭރާއި މިހާރު. މީ ކަރަޕްޓް ސުންޕާ މޯލްޑީސް ދީ." ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.



ނަސީމް މިހެން ވިދާޅުވެފައިވާއިރު، ސަފީރުކަމަށް ދިޔާނާ އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ބެލްޖިއަމާއި އީޔޫގެ ސަފީރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ގީލާ ޢަލީ، ނިމިދިޔަ އޭޕްރީލް މަހު ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ހެލްތު މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރަށް ގެނައި ބަދަލުތަކަށްފަހު، ދިޔާނާ މިހާތަނަށް ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާޖްގެ މަޤާމުގައެވެ.

ފާޠިމަތު ދިޔާނާ ސަޢީދަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑަރ މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު