ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް
ހދ. އަތޮޅުގެ ރަށްތައް ގުޅިގެން ތަރައްގީގެ މަސައްކަތްތައް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން އުފައްދަން މަސައްކަތް ކުރި ބޯޑެއް ހުއްޓުވުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމާ ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެލްޖީއޭ އިން ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އަތޮޅު އޮފީސްތައް އުވާލުމާ ގުޅިގެން އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ޒިންމާ އޮތީ އެ އޮތޯރިޓީގެ މަތީގައި ކަމަށާއި، ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ގާނޫނީ ބާރު ކައުންސިލްތަކަށް ލިބިގެން ނުވާ ކަމަށެވެ.



މި އެންގުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު އާތިފް ވިދާޅުވީ، އެލްޖީއޭގެ މި ނިންމުމަކީ އޭނާ ހައިރާންކަން ލިބުނު ކަމެއް ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އެ ބޯޑުގެ މަގްސަދަކީ ކައުންސިލްތަކުން ދޭންޖެހޭ ރަސްމީ ހިދުމަތްތައް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ބޯޑުގެ ބޭނުމަކީ އަތޮޅުގެ ރަށްތައް ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ރާވައި، އޭގެ ހެޔޮ ނަތީޖާ މުޅި ގައުމަށް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ މަސައްކަތްތައް ވަޒަންކުރާ އިރު، އެހެން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެލްޖީއޭ އިން ވެސް ބާރުއަޅައި، އެކަމަށް ވަކި މާކްސްތަކެއް ދޭކަން އާތިފް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެލްޖީއޭގެ މި އަމަލަކީ އެ އޮތޯރިޓީން އަމިއްލައަށް ކަނޑައަޅާފައިވާ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. މި ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެ،" މޭޔަރު އާތިފްގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު