ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން، ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި ރިހި އިސްކްރީނަށް އައުމަށް ތައްޔާރުވަމުންދާ ފިލްމު "ކިންގް" އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމަށް ވާނެކަން ހާމަވެއްޖެއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތްތައް ފަށާފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް 2026 ވަނަ އަހަރުގެ އޯގަސްޓް މަހަށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. ގާތްގަނޑަކަށް އެއް އަހަރާއި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފިލްމުގެ މަސައްކަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 150 އަށްވުރެ ގިނަ ދުވަހު ކުރިއަށްދާނެއެވެ. މި ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ސްޓަންޓް ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ކިންގް" ގެ ބަޖެޓަކީ ގާތްގަނޑަކަށް 450 ކްރޯޑް ރުޕީސްއެވެ. މިއީ ފިލްމުގެ އިޝްތިހާރު ކުރުމުގެ ޚަރަދާއި ޝާހްރުކް ޚާންގެ އެކްޓިން ފީ ނުހިމަނައެވެ. މީގެ ކުރިން ޝާހްރުކްގެ އެންމެ އަގުބޮޑު ފިލްމުގެ ގޮތުގައި އޮތް "ޖަވާން" ގެ ބަޖެޓަކީ 400 ކްރޯޑް ރުޕީސްއެވެ. އަދި "ޕަޓާން" އުފައްދާފައިވަނީ 350 ކްރޯޑް ރުޕީސްއަށެވެ.

މި ފިލްމުގެ ޚާއްޞަ ވީއެފްއެކްސް މަސައްކަތްތައް ކުރަނީ ޝާހްރުކް ޚާންގެ އަމިއްލަ ކުންފުނި ކަމަށްވާ ރެޑް ޗިލީޒް އެންޓަޓެއިންމަންޓުންނެވެ. ފިލްމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ޝާހްރުކް އަބަދުވެސް ބޭނުންވަނީ ބެލުންތެރިންނަށް އެންމެ ފެންވަރު ރަނގަޅު އުފެއްދުމެއް ގެނެސްދިނުމަށެވެ. ފުރަތަމަ އެކްޝަން ތުރިލާއެއްގެ ގޮތުގައި ފެށި މި ފިލްމު، މިހާރު ވަނީ އިންޑިއާގެ ސިނަމާގައި ފެންނާނެ އެންމެ ވަރުގަދަ އެކްޝަން ފިލްމަށް ބަދަލުކޮށްފައެވެ.

ފިލްމު ރިލީޒްކުރުމަށް އަދި ހަ މަސް ދުވަސް އޮތްއިރު، މިއީ އިންޑިއާގެ ސިނަމާގައި އެކްޝަން މަންޒަރުތަކުގެ ފެންވަރު އާ އުސްމިނަކަށް ގެންގޮސްދޭނެ ފިލްމެއް ކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. "ކިންގް" ވެގެންދާނީ ޝާހްރުކް ޚާންގެ ފަރާތުން ބެލުންތެރިންނަށް ފެންނާނެ މުޅިން ތަފާތު، ފޯރިގަދަ ތަޖުރިބާއަކަށެވެ.



ކިޔުންތެރިންގެ ހިޔާލު