އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ތަލަޕަތީ ވިޖޭގެ އެންމެ ފަހު ފިލްމު ކަމަށް ބެލެވޭ "ޖަނަ ނާޔަގަން" އަންނަ މިމަހު 24 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

އެޗް. ވިނޯދު ޑައިރެކްޓްކުރާ މި ފިލްމަކީ ވިޖޭ ސިޔާސީ ދާއިރާއަށް ފުރިހަމައަށް ވަނުމުގެ ކުރިން ފެނިގެންދާނެ ފަހު ފިލްމު ކަމަށްވާތީ، މިއީ އޭނާގެ ފޭނުންނާއި ފިލްމީ ދާ

އިރާގެ ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.

ކޭ.ވީ.އެން ޕްރޮޑަކްޝަންސްގެ ބިޒްނަސް ހެޑް އަދި ޕްރޮޑިއު ސަރު ސުޕްރިތު މޯހަން މި ތާރީޚު ކަށަވަރުކޮށްދީފައިވާއިރު، މި ފިލްމަށް މިހާރު ވަނީ ސެންސަރު ބޯޑުގެ ހުއްދަވެސް ލިބިފައެވެ. ސެންސަރު ބޯޑުން މި ފިލްމަށް ދީފައިވަނީ 'އޭ' (އެޑަލްޓްސް އޮންލީ) ސެޓްފިކެޓެކެވެ. ފިލްމުގެ ދިގުމިނަކީ 3 ގަޑިއިރާއި 3 މިނެޓާއި 11 ސިކުންތެވެ. އާންމުކޮށް ތަމަޅަ ފިލްމުތައް ސެންސަރު ކުރަނީ ޗެންނާއީން ކަމަށްވީ ނަމަވެސް، މި ފިލްމު ސެންސަރުކޮށްފައިވަނީ ބޯޑުގެ ބެންގަލޫރުގެ ރީޖަނަލް އޮފީހުންނެވެ.

މި ފިލްމު ރިލީޒްކުރުމާ ހަމައަށް އައީ ގިނަ ގޮންޖެހުންތަކަކާ އެކުގައެވެ. އެންމެ ފުރަތަމަ މިއަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރަން އުޅުނު ނަމަވެސް، އެކި ސަބަބުތަކާ ހުރެ ފިލްމު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފިލްމުގެ ބައެއް މަންޒަރުތައް އޮންލައިންކޮށް ލީކުވުމާ ގުޅިގެން ބޮޑު މައްސަލައަކަށް ވެ، އެކަމުގައި ޝާމިލުވި ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

"ޖަނަ ނާޔަގަން" އަކީ 2023 ވަނަ އަހަރުގެ ތެލެގޫ ފިލްމު "ބަގަވަންތު ކޭސަރީ" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ވިޖޭއާއެކު ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޅޭއެވެ. އަދި ބޮބީ ޑިއޯލް، މަމީތާ ބައިޖޫ، ޕްރަކާޝް ރާޖް، ޕްރިޔާމަނީ، ނައްސަރު އަދި ސުނިލް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ވިޖޭ ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރުކަމަށް އަމާޒު ހިފާފައިވާތީ، އޭނާގެ ސިޔާސީ ދަތުރު ފެށުމުގެ ކުރިން ނުކުންނަ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު