ސިންގަޕޫރު
ސިންގަޕޫރު
މިދިޔަ 2004 ވަނަ އަހަރު ސުމަޓްރާގެ އައްސޭރިފަށަށް އައި 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ސިންގަޕޫރުގެ ބިން މަޑުމަޑުން ތިރިވަމުންދާކަން ސައިންސްވެރިން ހޯދައިފިއެވެ.

ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ބިމުގެ އަޑީގައި އުފެދުނު ބަދަލުތަކުގެ ސަބަބުން، ހަމައެކަނި ސިންގަޕޫރެއް ނޫން، ކައިރީގައިވާ މެލޭޝިޔާ އާއި ތައިލެންޑުގެ ބިން ވެސް ތިރިވަމުން ދެއެވެ.

މިކަމުގެ ސަބަބުން އަހަރަކު މަދު މިލިމީޓަރުތަކަކުން ބިން ތިރިވި ނަމަވެސް، މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ރާވާ ރޭވުންތަކުގައި ބަލަންޖެހޭ މުހިންމު ކަމެއް ކަމަށް އެ ފަރާތުން ބުނެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ބުނާ ގޮތުގައި، ބިންހެލުންތަކުން ބިން ތިރިވާ މިންވަރު ނުވަތަ އުފުލޭ މިންވަރު (ވާރޓިކަލް ލޭންޑް މޯޝަން) ނުބަލާނަމަ، އައްސޭރިފަށުގެ ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ނުރައްކާ އޮތް މިންވަރު ރަނގަޅަށް ދެނެނުގަނެވޭނެއެވެ.

"ކޮމިއުނިކޭޝަންސް އަރތް އެންޑް އެންވަޔަރަންމަންޓް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ބިންހެލުންތަކުން ބިމަށް ގެންނަ މިފަދަ ބަދަލުތައް، އާބަން ޕްލޭނިންގ އާއި މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމުގެ ސްޓްރެޓެޖީތަކުގައި ކުރީބައިގައި ހިމެނުމަކީ މުސްތަޤްބަލުގައި ޚަރަދުތައް ކުޑަކޮށް، ހޭލުންތެރިކަން އިތުރުކުރަން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސިންގަޕޫރަކީ ބިންހެލުން އަންނަ ސަރަހައްދުތަކާ ދުރުގައި އޮތް ގައުމަކަށް ވިޔަސް، ސުމަޓްރާގެ ފަރުބަދަތަކުގެ ފަހަތުގައިވާ ބިމުގެ ފަށަލަ (ސުމަޓްރަން ބެކްއާރކް) ބަލިކަށިވުމުން، އެތަނުގައި ހިނގާ ޖިއޮލޮޖިކަލް ބަދަލުތަކުގެ އަސަރު ސިންގަޕޫރަށް ފޯރާކަން މި ދިރާސާއިން ވަނީ ސާބިތުކޮށްދީފައެވެ.

ސައިންސްވެރިން އުންމީދު ކުރަނީ، މި ހޯދުމުގެ ސަބަބުން ސިންގަޕޫރުގެ ރައްޔިތުންނަށް ސަރަހައްދީ ބިންހެލުންތަކުގެ ދިގުމުއްދަތުގެ އަސަރުތަކާމެދު ދެކޭ ގޮތް ބަދަލުވެ، އެކަމަށް އިތުރަށް ސަމާލުކަން ދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް