ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވަމުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީސްމީޑިއާގެ މަންސަ "އެކްސް" ގައި ވަރުގަދަ ބަޔާނެއް ނެރުއްވައިފިއެވެ.

އުމަރު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރި ކޮރަޕްޓް ސަރުކާރުތަކުގެ ސަބަބުން މުޅި ގައުމު ވަނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލާފައެވެ. އަދި މިހާރު އޮތް ސިޔާސީ ނިޒާމު ބަދަލުކޮށް، ގައުމު ހިންގުމުގެ އާ ޒަމާނެއް ފަށަންޖޭހޭ ވަގުތު އަތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.





ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ މަގުތަކަކީ މިއަދު ރައްކާތެރި ތަންތަން ނޫން ކަމަށެވެ.

އަދި ގައުމުގެ ޒުވާނުންނަށް އެކަށީގެންވާ ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހޯދުމާއި، އަމިއްލަ ވިޔަފާރިތައް ފެށުމުގައި ބޮޑެތި ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ނިޒާމަކީ ހަމައެކަނި ވަކި ބަޔަކަށް މަންފާލިބޭ "އެޕާތައިޑް" ނިޒާމެއްގެ ގޮތުގައި ސިފަކުރައްވައި، އުމަރު ވިދާޅުވީ އެ ނިޒާމުން ބަލަނީ ހަމައެކަނި ޕާޓީތަކުގެ ވަފާތެރިންނަށް ކަމަށާއި އާންމު ރައްޔިތުން ތިބީ މުޅިން ބާކީވެފައި ކަމަށެވެ.

"މިހާރު މިއޮތް ސިޔާސީ ނިޒާމު ވަނީ ފޭލިވެފައި. ސިޔާސީ ޕާޓީތަކުގައި ރައްޔިތުންނަށް ދޭނެ އެއްވެސް އާ ކަމެއް ނެތް،" އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިއަދު ބޭނުންވަނީ ވަރުގަދަ އަދި ތެދުވެރި ލީޑަރޝިޕެއްގެ އިތުރުން ގައުމީ އާ މިސްރާބެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު