ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ މުވައްޒަފުން ވަގުތުން ގައުމުން ފޭބުމަށް ގޮވާލައްވައިފިއެވެ.

އުމަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި އަސްކަރީ މަތިންދާބޯޓެއް ބާއްވައިގެން، 65 އަށްވުރެ ގިނަ ބޭރުގެ އަސްކަރީ ސިފައިން ހަރަކާތްތެރިވަމުންދެއެވެ. އަދި މި ހުރިހާ ވަސީލަތްތަކަކީ އިންޑިއާގެ ނޭވީގެ ސީދާ ކޮންޓްރޯލްގެ ދަށުގައިވާ ތަކެތިކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް ގާއިމުވެ އޮތުމަކީ ގައުމުގެ ސިޔާދަތާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެއަކީ ބޭރުގެ ހަމަލާތަކުގެ އަމާޒަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މީގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ގަލްފުގެ ގައުމުތަކަށް މިހާރު ކުރިމަތިވަމުންދާ ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކެވެ.

ފާއިތުވި 15 އަހަރު ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ފަރާތަކަށް މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެވިފައި ނުވާކަން ފާހަގަކުރައްވައި، އުމަރު ވިދާޅުވީ މިކަން މިގޮތަށް ދެމިއޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ކުރަންޖެހޭ މަސައްކަތްތައް ވަގުތުން ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެސެޖު ނިންމަވާލައްވަމުން އުމަރު ވަނީ ގައުމަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރާއި ހިކުމަތްތެރިކަން ދިވެހި ރައްޔިތުންނަށް ދެއްވުން އެދި ދުއާކުރައްވައި، އެންމެހައި ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު