މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ ދިރާސާކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން، ފޮޓޯ: މިނިސްޓްރީ
މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ ދިރާސާކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން، ފޮޓޯ: މިނިސްޓްރީ
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދައުލަތުން ކުރަމުންދާ ހޭދަތަކާއި، އެކަމަށް ކަނޑައަޅާފައިވާ އިދާރީ އިންތިޒާމުތައް ދިރާސާކޮށް ވަޒަންކުރުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާ ބައްދަލުކުރައްވައި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމަކީ "މޯލްޑިވްސް ކްލައިމެޓް ޕަބްލިކް އެކްސްޕެންޑިޗަރ އެންޑް އިންސްޓިޓިއުޝަނަލް ރިވިއު" (ސީ.ޕީ.އީ.އައި.އާރު) ގެ ދަށުން ހޯދިފައިވާ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ޚާއްޞަ ވެލިޑޭޝަން ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، މޫސުމީ ބަދަލުތަކާ ގުޅިގެން ދައުލަތުން ކުރާ ހޭދަތަކާއި، އެކަމާ ގުޅޭ ސިޔާސަތުތަކާއި އިދާރީ އިންތިޒާމުތައް ވަޒަންކުރުމަށް ކުރިއަށްގެންދާ ދިރާސާގެ ހޯދުންތައް ކަށަވަރުކުރުމެވެ.

މި ރިވިއުގެ ދަށުން 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މޫސުމީ ކަންކަމަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރާއި، އެ ފައިސާ ބޭނުންކުރެވުނު ގޮތްތައް ވަނީ ތަފްސީލީ ގޮތެއްގައި ދިރާސާކޮށްފައެވެ. ސީ.ޕީ.އީ.އައި.އާރު އެކުލަވައިލުމަކީ "މޯލްޑިވްސް ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" (އެން.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްދަނީ ޔޫ.އެން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ފަންނީ އެހީތެރިކަމާއި، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ މާލީ އެހީތެރިކަމާ އެކުގައެވެ.

މިފަދަ ދިރާސާއެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ. އަދި ބަޖެޓު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އެކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށް މި ދިރާސާގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، މި ދިރާސާ ނިމިގެން ދާއިރު، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ބޭނުންވާ މޫސުމީ އެހީތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބި، ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން ތިމާވެށީގެ މަޝްރޫޢުތަކަށް ކުރާ ހޭދަ އިތުރަށް ހާމަކަން ބޮޑުވެގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު