މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
ބިލާލް އިބްނު ރަބާޙް (ރ.އ) އަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަ މުއައްޛިނެވެ. މި މަތިވެރި ޚިދުމަތަށް އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ ﷲގެ ރަސޫލާ (ޞ.ޢ.ވ) އަމިއްލަފުޅަށެވެ. އާންމުގޮތެއްގައި އެކަލޭގެފާނު މަޝްހޫރުވެފައިވަނީ "ބިލާލް އަލްޙަބަޝީ"ގެ ނަމުންނެވެ. ބިލާލުގެފާނަކީ ކީރިތި ރަސޫލާ (ޞ.ޢ.ވ) އެންމެ އިތުބާރު ކުރެއްވި، އަދި އެކަލޭގެފާނަށް އެންމެ ވަފާތެރި އެއް އަޞްޙާބީއެވެ.

ބިލާލުގެފާނުގެ ބައްޕައަކީ ޢަރަބިއެއް ކަމުގައިވާއިރު، މަންމައަކީ ޙަބުޝްކަރަ (މިހާރުގެ އިތިއޯޕިއާ) އަށް ނިސްބަތްވާ ބޭކަނބަލެކެވެ. ބައްޕަގެ ނަމަކީ ރަބާޙް އެވެ. އަދި މަންމަގެ ނަމަކީ ޙަމާމާ އެވެ. ތާރީޚީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، އެކަލޭގެފާނަކީ ކުލަ ކަޅު، އިސްކޮޅުން ދިގު، ހަށިގަނޑު ހިިިިމަކޮށް ހުރި، އިސްތަށިގަނޑު ބޯ ބޭކަލެކެވެ. އެކަލޭގެފާނުގެ ޚާލިދު ނަމަކަށް ކިޔާ އަޚަކާއި އަޤްރާ ނަމަކަށް ކިޔާ އުޚުތަކު ހުރެއެވެ.

އެކަލޭގެފާނު އުފަންވި ތާރީޚާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުއްޓަސް، ބައެއް ބޭކަލުން ވިދާޅުވަނީ އެކަލޭގެފާނު އުފަންވީ ހިޖުރައިގެ 53 އަހަރު ކުރިން (މީލާދީން 570 ގަ) ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހިޖުރައިގެ 43 އަހަރު ކުރިން (މީލާދީން 580 ގަ) ކަމަށެވެ. އެކަލޭގެފާނު ބޮޑުފުޅުވީ މައްކާގައެވެ.

ބިލާލުގެފާނު ނިސްބަތްވަނީ ގުރައިޝް ވަންހައިގެ ބަނޫ ޖުމަޙް ގަބީލާއަށެވެ. އިސްލާމްދީން އައުމުގެ ކުރިން ބަނޫ ޖުމަޙްގެ މީހުންނަކީ އަތްތިލަ ބަލައިގެން މުސްތަޤުބަލު އަންދާޒާކުރުމުގެ މާހިރުން ކަމުގައި ބެލެވުނެވެ. ބިލާލުގެފާނުގެ މައިންބަފައިންނަކީ އަޅުންނެވެ. އެ ޒަމާނުގައި އަޅުންނަކީ މުޖުތަމަޢުގައި އެންމެ ދަށް ދަރަޖަ ދެވިފައިވާ، އެމީހުންގެ ސާހިބުންގެ ހުރިހާ އަމުރަކަށް ކިޔަމަންވާންޖެހޭ ބަޔެކެވެ. ބިލާލުގެފާނު އުފަންވީވެސް އަޅެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ސާހިބަކީ ބަނޫ ޖުމަޙްގެ ވެރިޔާ އުމައްޔާ އިބްނު ޚަލަފެވެ. ތާރީޚު އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ބިލާލުގެފާނަކީ ކުލަ ވަރަށް ކަޅު، އިސްކޮޅުން ދިގު، ހަށިގަނޑު ހިމަކޮށް ހުރި، އަދި އިސްތަށިގަނޑު ބޯ ބޭކަލެކެވެ.

އިސްލާމްދީން އައުމުގެ ކުރިންވެސް ބިލާލުގެފާނުގެ ހިތްޕުޅުގައި މުޝްރިކުންގެ އާދަކާދަތަކަށް ނަފުރަތު އުފެދިފައިވެއެވެ. ކީރިތި ރަސޫލާ (ޞ.ޢ.ވ) ނަބީކަމާއިގެން ފޮނުއްވައި، ދީނަށް ދައުވަތު ދެއްވަން ފެއްޓެވުމާއެކު، ބިލާލުގެފާނު ބުދުތަކަށް އަޅުކަންކުރުން ދޫކޮށްލައްވައި ވަގުތުން އިސްލާމްވެވަޑައިގަތެވެ. އެކަލޭގެފާނަކީ އިސްލާމްދީން އެންމެ ފުރަތަމަ ގަބޫލުކުރި ނަސީބުވެރި ނުވަ ބޭކަލުންގެ ތެރެއިން އެއް ބޭކަލެކެވެ.

އިސްލާމްދީން ގަބޫލުކުރި ކުރީކޮޅުގެ މުސްލިމުންނަށް އެހީތެރިވާނެ ނުވަތަ ހަމްދަރުދީވާނެ ބަޔަކު ނެތެވެ. މައްކާގެ މުޝްރިކުން އެބޭކަލުންނަށް ރަޙުމެއްނެތް ބޮޑެތި އަނިޔާތައް ކުރަން ފެށިއެވެ. ބިލާލުގެފާނަކީ އޭރު އެންމެ ބޮޑަށް އަނިޔާ ލިބެމުންދިޔަ އެއް މުސްލިމެވެ.

ބިލާލުގެފާނު އިސްލާމްވިކަން އެކަލޭގެފާނުގެ ސާހިބު އުމައްޔާ އިބްނު ޚަލަފަށް އެނގުމުން، ދީން ދޫކޮށް އަލުން ބުދުތަކަށް އަޅުކަންކުރުމަށް އެނބުރި ދިޔުމަށް މަޖުބޫރުކޮށް އަނިޔާކުރަން ފެށިއެވެ. ނަމަވެސް ބިލާލުގެފާނު ދީން ދޫކޮށްލުމަށް އިންކާރު ކުރެއްވިއެވެ. މެންދުރުގެ ގަދަ އަވީގައި ސަހަރާގެ ވެލިގަނޑު ހޫނުވެ އަނގުރު އަލިފާންގަނޑަކަށް ވެފައި އޮންނައިރު، އުމައްޔާއާއި މުޝްރިކުން އެކަލޭގެފާނު ބޭރަށް ނެރެއެވެ. އެއަށްފަހު، އެކަލޭގެފާނުގެ އުނުއޮރިޔާންކޮށް، ދިލަ ހޫނު ހިލަތަކުގެ މައްޗަށް ބާއްވައި، އެތައް ބަޔަކު ވެގެން އުފުލޭވަރުގެ ބޮޑު ހޫނު ހިލައެއް އެކަލޭގެފާނުގެ މޭފުޅުމަތީގައި ބާއްވައެވެ. މި ވަހުޝީ އަނިޔާތައް ކޮންމެ ދުވަހަކު ތަކުރާރުކުރަމުން ދިޔައީ އެ އަނިޔާކުރާ މީހުންގެ ހިތްތަކަށް ރަޙުމު ވަންނަންދެނެވެ. އެންމެ ފަހުން، އެމީހުންގެ ކަލާނގެތަކަށް ހެޔޮބަހެއް ބުނުމަށް ޝަރުތުކޮށް މިނިވަންކުރުމަށް އެމީހުން ހުށަހެޅިއެވެ. އެއީ ގުރައިޝުންގެ ކުރިމަތީގައި އެމީހުންގެ އަގު ހިފެހެއްޓުމަށާއި، އަޅެއްގެ ސާބިތުކަމުގެ ކުރިމަތީގައި އެމީހުން ބަލިވިކަމަށް ނުދެއްކުމަށެވެ.

ނަމަވެސް، ފުރާނަ ސަލާމަތްކުރުމަށްޓަކައި ހިތުގެ އަޑިން ނޫނަސް އެންމެ ބަހެއް ބުނުމަށް ބިލާލުގެފާނު އިންކާރު ކުރެއްވިއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ތަކުރާރުކުރައްވަމުން ގެންދެވީ "އަޙަދު، އަޙަދު" (ﷲ އީ އެއްކައުވަންތަ އިލާހެވެ) މި މަތިވެރި ކަލިމައެވެ. އަނިޔާވެރިން އެކަލޭގެފާނަށް ގޮވަމުން ދިޔައެވެ. "އަލްލާތާއި އަލްޢުއްޒާ (އެމީހުންގެ ބުދުތައް) ގެ ނަން ކިޔާށެވެ." ނަމަވެސް ބިލާލުގެފާނު ޖަވާބު ދެއްވަނީ "އަޙަދު... އަޙަދު" މިފަދައިންނެވެ. އެމީހުން ބުންޏެވެ. "އަހަރެމެން މިކިޔާ އެއްޗެއް ކިޔާށެވެ." އެކަލޭގެފާނު ވަރަށް ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ. "ހަމަކަށަވަރުން ތިޔަ ބަސްތައް ބުނާކަށް މަގޭ ދަބަހަކަށް ނޭނގެއެވެ."

މިފަދަ ގަދަ ހޫނާއި ބަރު ހިލައިގެ ދަށުގައި ބިލާލުގެފާނު އޮންނަވަނިކޮށް އިރުއޮއްސުމުން، އެކަލޭގެފާނު ނަގައި ކަރުގައި މަޅިއެއް ޖަހައި، މައްކާގެ މަގުތަކުގައާއި ފަރުބަދަތަކުގެ ތެރޭގައި އެކަލޭގެފާނު ދެމުމަށް ކުޑަކުދިންނަށް އަމުރުކުރެއެވެ. ނަމަވެސް ބިލާލުގެފާނުގެ ދޫފުޅުން "އަޙަދު... އަޙަދު..." ނޫން ބަހެއް ނުނިކުމެއެވެ. އެތައް ދުވަހަކު މި އަނިޔާތައް ތަހައްމަލު ކުރެއްވިއިރުވެސް، އެކަލޭގެފާނު ހުންނެވީ ކެތްތެރިކަމާއި، ހިތްވަރާއި، ސާބިތުކަމާއެކު އާޚިރަތުގެ ދަރުމައަށް އެދިވަޑައިގެންނެވެ.

މި އަޅެއްގެ ޚަބަރު ބައެއް އަޞްޙާބީންނަށް ލިބިވަޑައިގެން، އެވާހަކަ ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ދެންނެވިއެވެ. އެހިނދު ބިލާލުގެފާނު މިނިވަންކުރުމަށްޓަކައި ވާހަކަދެއްކެވުމަށް އަބޫބަކުރުގެފާނު (ރ.އ) ރަސޫލާ ފޮނުއްވިއެވެ. އަބޫބަކުރުގެފާނު ވަޑައިގެންނެވިއިރު، އުމައްޔާއާއި އޭނާގެ މީހުން ދިޔައީ ބިލާލުގެފާނަށް އަނިޔާކުރަމުންނެވެ. އަބޫބަކުރުގެފާނު އެމީހުންނަށް ހަޅޭއްލަވައިގަތެވެ. "މީހަކު 'ތިމަންގެ ކަލާނގެއަކީ ﷲ އެވެ' ބުނުމުން ތިޔަ ގަތުލުކުރަނީ ހެއްޔެވެ؟" ދެން އުމައްޔާއަށް ދެންނެވިއެވެ. "އޭނާގެ އަގަށްވުރެ ބޮޑު އަގެއް ނަގައި އޭނާ މިނިވަންކުރާށެވެ." ބިލާލުގެފާނު މަރުވުމަށްވުރެ އަބޫބަކުރުގެފާނަށް ވިއްކާލުން އުމައްޔާއަށް މާ ފައިދާހުރި ކަމަކަށް ފެނުނެވެ.

އުމައްޔާ ބިލާލުގެފާނު އަބޫބަކުރުގެފާނަށް ވިއްކާލިއެވެ. އަބޫބަކުރުގެފާނު ވަގުތުން ބިލާލުގެފާނު މިނިވަންކުރެއްވިއެވެ. ބިލާލުގެފާނު މިނިވަންކަމާއެކު ވަޑައިގަންނަވަނިކޮށް އުމައްޔާ ބުންޏެވެ. "ކަލޭގެފާނު އެންމެ ރަން އައުންސަކަށް އޭނާ ގަންނަން ހުށަހެޅި ނަމަވެސް އަހަރެން އޭނާ ވިއްކާލީމުހެވެ." އަބޫބަކުރުގެފާނު ޖަވާބު ދެއްވިއެވެ. "ﷲ ގަންދީ ބުނަމެވެ. ކަލޭ އޭނާ ވިއްކަން އެއްބަސްވީ ސަތޭކަ އައުންސަށް ކަމުގައި ވިޔަސް، އަހަރެން އެ އަގު ދީފައިވެސް އޭނާ ގަތީމުހެވެ." އެއަށްފަހު އަބޫބަކުރުގެފާނު، ބިލާލުގެފާނު ގޮވައިގެން ރަސޫލާ (ޞ.ޢ.ވ) ގެ އަރިހަށް ވަޑައިގެން އެކަލޭގެފާނު މިނިވަންވި ޚަބަރު ދެއްވުމުން، އެކަމާ ބޮޑު އުފާފާޅުކުރުމެއް އޮތެވެ. އޭގެ ފަހުން ބިލާލުގެފާނު ވެވަޑައިގަތީ ރަސޫލާ (ޞ.ޢ.ވ) ގެ އެންމެ އިތުބާރު ހުރި އަދި ވަފާތެރި އަޞްޙާބީންގެ ތެރެއިން ބޭކަލަކަށެވެ.

މުސްލިމުންނަށް ހިޖުރަކުރުމުގެ ހުއްދަ ރަސޫލާ (ޞ.ޢ.ވ) ދެއްވުމުން، ބިލާލުގެފާނުވެސް އެހެން އަޞްޙާބީންނާއެކު މަދީނާއަށް ހިޖުރަކުރެއްވިއެވެ. މަދީނާއަށް ވަޑައިގެން އެކަލޭގެފާނު ދިރިއުޅުއްވީ އަބޫބަކުރުގެފާނާއި އާމިރު ބިން ފުހައިރާ (ރ.އ) އާއެކު އެއް ގެއެއްގައެވެ. ރަސޫލާ (ޞ.ޢ.ވ) މުހާޖިރުންނާއި އަންޞާރުންގެ މެދުގައި އުޚުއްވަތްތެރިކަން އުފެއްދެވިހިނދު، ބިލާލުގެފާނާއި އަބޫ ރުވައިޙާ (ރ.އ) އާ ދެމެދު އަޚުކަން ގާއިމުކޮށްދެއްވިއެވެ.

މަދީނާގައި މުސްލިމުން ވަޒަންވެރިވުމުން، ނަމާދަށް ގޮވުމަށްޓަކައި 'ބަންގި' ގޮވުމުގެ އާދަ ރަސޫލާ (ޞ.ޢ.ވ) ތަޢާރަފުކުރެއްވިއެވެ. އަދި ބަންގި ގޮވުމަށް މުއައްޛިނަކަށް ބިލާލުގެފާނު އައްޔަންކުރެއްވިއެވެ. ބިލާލުގެފާނަކީ ޢަރަބި ބަހުގެ އަޑުތައް ނެރުމުގައި ކުޑަ ތަފާތެއް ހުންނަ ބޭކަލަކަށް ވުމުން (ޚާއްޞަކޮށް 'ޝީން' އަކުރުގެ އަޑު ނެރުމުގައި)، މަދީނާގެ ބައެއް މީހުން އެކަމާ ހިނިިއައެވެ. ނަމަވެސް ރަސޫލާ (ޞ.ޢ.ވ) އެމީހުންނަށް މلامާތްކުރައްވައި، މައްކާގައި އެކަލޭގެފާނު ދެއްކެވި ސާބިތު އީމާންތެރިކަމުގެ ސަބަބުން ﷲގެ ހަޟުރަތުގައި ބިލާލުގެފާނުގެ ގަދަރު މަތިވެރިވެގެންވާ މިންވަރު ބަޔާންކޮށްދެއްވިއެވެ.

ބިލާލުގެފާނަކީ ހިތްތަކަށް އަސަރުކުރުވާ ފަދަ ރީތި، ބާރު އަޑެއްގެ ވެރިއެކެވެ. އެކަލޭގެފާނު ބަންގި ގޮވާ އަޑު އިވުމާއެކު، މީހުން އެމީހުންގެ މަސައްކަތްތައް ހުއްޓާލުމަށްފަހު މިސްކިތަށް ދިޔުމަށް އަވަސްވެގަނެއެވެ. ބަންގީގެ އަޑު އިވުމުން ރަސޫލާ (ޞ.ޢ.ވ) އިމާމުވެ ނަމާދުކުރެއްވުމަށް ވަޑައިގަންނަވައެވެ. ނަމާދު ފެށުމުގެ ކުރިން ގަމަތް ދެއްވަނީވެސް ބިލާލުގެފާނެވެ.

ބިލާލުގެފާނު ވަނީ ރަސޫލާ (ޞ.ޢ.ވ) އާއެކު ހުރިހާ ބޮޑެތި ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި ބަދުރު ހަނގުރާމައާއި، އުޙުދު ހަނގުރާމައާއި، އަޙްޒާބު ހަނގުރާމަ ހިމެނެއެވެ.

ބަދުރު ހަނގުރާމައިގައި، ބިލާލުގެފާނަށް ކުރިން އަނިޔާކުރި އުމައްޔާ އިބްނު ޚަލަފް ގަތުލުކުރެއްވީ ބިލާލުގެފާނެވެ. މައްކާ ފަތަޙަކުރެއްވުމަށްފަހު، ކަޢުބަތުﷲ ގެފުޅުގެ މައްޗަށް އަރައި ބަންގި ގޮވުމަށް ރަސޫލާ (ޞ.ޢ.ވ) އަމުރުކުރެއްވީ ބިލާލުގެފާނަށެވެ. މިއީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިމުގައި ބަންގީގެ އަޑު އިވުނު ފުރަތަމަ ފަހަރެވެ.

އެއްދުވަހަކު އަބުލް ބުކައިރުގެ ދަރިން ރަސޫލާ (ޞ.ޢ.ވ) ގެ އަރިހަށް އައިސް، އެމީހުންގެ އުޚުތަކަށް ބައިވެރިއަކު ހޯދައިދިނުމަށް އެދުނެވެ. ރަސޫލާ (ޞ.ޢ.ވ) ޙަދީޘްކުރެއްވީ ބިލާލުގެފާނާ އެކަނބަލޭގެ ކައިވެނިކޮށްދިނުމަށެވެ. ދެތިން ފަހަރަކު މިކަމަށް އެދި އައުމުންވެސް ރަސޫލާ (ޞ.ޢ.ވ) ދެއްވީ އެއް ޖަވާބެކެވެ. އަދި އިތުރަށް ޙަދީޘްކުރެއްވީ ބިލާލުގެފާނަކީ ސުވަރުގޭގެ އަހުލުވެރިއެއް ކަމަށާއި، އެކަލޭގެފާނާ ކައިވެނިކޮށްދިނުމަށެވެ. އެހިނދު އެމީހުން އެމީހުންގެ އުޚުތު ބިލާލުގެފާނާ ކައިވެނިކޮށްދިނެވެ. މީގެ އިތުރުންވެސް އެކަލޭގެފާނު އެހެން ކައިވެނިތައް ކުރެއްވިއެވެ. އޭގެ ތެރޭގައި ބަނޫ ޒުހުރާ ވަންހައިގެ ބޭކަނބަލަކާއި، ޔަމަނުގެ ހިންދުލް ޚުލާނިއްޔާ ހިމެނެއެވެ.

އެއްދުވަހަކު ރަސޫލާ (ޞ.ޢ.ވ) ބިލާލުގެފާނަށް ޙަދީޘްކުރެއްވިއެވެ: "އޭ ބިލާލެވެ! ކަލޭގެފާނު ކުރައްވާ ޚާއްޞަ ޢަމަލަކީ ކޮބައިހެއްޔެވެ؟ ތިމަންކަލޭގެފާނަށް ސުވަރުގޭގައި ތިމަންކަލޭގެފާނުގެ ކުރިމަތިން ކަލޭގެފާނުގެ ފައިތިލަފުޅުގެ އަޑު އިވިވަޑައިގަތެވެ." ބިލާލުގެފާނު ދެންނެވިއެވެ: "ތިމަންކަލޭގެފާނު ކުރައްވާ ޚާއްޞަ ކަމެއް ނެތެވެ. ނަމަވެސް ރޭގަނޑުވިޔަސް ނުވަތަ ދުވާލުވިޔަސް، ވުޟޫކުރައްވާ ކޮންމެ ފަހަރަކު އެ ވުޟޫއާ ގުޅިގެން ނަމާދެއް (ތަޙިއްޔަތުލް ވުޟޫ) ކުރައްވަމެވެ." (ޞަޙީޙުލް ބުޚާރީ: 1149). ޙަބުޝްކަރައިގެ ރަސްގެފާނު ނަޖާޝީ، ރަސޫލާ (ޞ.ޢ.ވ) އަށް ތިން ހެޔެއް ހަދިޔާއަކަށް ފޮނުއްވުމުން، އޭގެ ތެރެއިން އެކަތި ޢުމަރުގެފާނަށް، އަނެކަތި ޢަލީގެފާނަށް އަދި ތިންވަނަ ހޭ ބިލާލުގެފާނަށް ރަސޫލާ ދެއްވިއެވެ.

ބިލާލުގެފާނަކީ އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށްޓަކައި ނުހަނު އިޙުތިރާމް ލިބިގެންވީ ބޭކަލެކެވެ. މި ސަބަބަށްޓަކައި، ރަސޫލާ (ޞ.ޢ.ވ) އެކަލޭގެފާނާ ބައިތުލްމާލު (ދައުލަތުގެ ޚަޒާނާ) ބެލެހެއްޓުން ޙަވާލުކުރެއްވިއެވެ. އެކަލޭގެފާނު ވަނީ ހުވަފަތް އަންހެނުންނަށާއި، ޔަތީމުންނަށާއި، މަގުމަތިވެފައިވާ މީހުންނަށް ފައިސާ ބައްސަވައި އެހީތެރިވެވަޑައިގެންފައެވެ. އަދި ރަސޫލާ (ޞ.ޢ.ވ) ގެ ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައިވެސް އެކަލޭގެފާނު އިސްކޮށް އުޅުއްވިއެވެ.

ކީރިތި ރަސޫލާ (ޞ.ޢ.ވ) ސުވަރުގެވަޑައިގަތް ވަގުތު ބިލާލުގެފާނު ހުންނެވީ އެކަލޭގެފާނުގެ އަރިހުގައެވެ. އަދި ރަސޫލާގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި މަދު ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގެންނެވިއެވެ. ރަސޫލާގެ ގަބުރުފުޅަށް ފެން އޮއްސެވުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގަތީވެސް ބިލާލުގެފާނަށެވެ.

ރަސޫލާ (ޞ.ޢ.ވ) ސުވަރުގެވަޑައިގަތުމަށްފަހު، ބިލާލުގެފާނަށް ބޮޑު ހިތާމައެއް ލިބިވަޑައިގަތެވެ. ރަސޫލާ އަވަހާރަވި ދުވަހުގެ އަނެއް ދުވަހު ފަތިސް ނަމާދަށް ބަންގި ގޮވަން ފެއްޓެވުމަށްފަހު، ރަސޫލާގެ ހަނދުމަފުޅުވެ، ކެތްނުކުރެވިގެން ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. ވަރަށް އުނދަގުލުން ބަންގި ނިންމެވުމަށްފަހު، އޭގެ ފަހުން މަދީނާގައި ބަންގި ގޮވުން އެކަލޭގެފާނު ހުއްޓަވާލެއްވިއެވެ.

ރަސޫލާ (ޞ.ޢ.ވ) އަވަހާރަވުމަށްފަހު މުސްލިމުންގެ ވެރިއަކަށް އިސްވެވަޑައިގަތީ އަބޫބަކުރުގެފާނެވެ. ރަސޫލާއާ ނުލައި މަދީނާގައި އުޅުއްވުމަކީ ބިލާލުގެފާނަށް ވަރަށް އަސަރުކުރުވި ކަމަކަށް ވުމުން، ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތުމަށް އަބޫބަކުރުގެފާނުގެ ކިބައިން ހުއްދައަށް އެދިވަޑައިގަތެވެ. ނަމަވެސް ބިލާލުގެފާނުގެ އެހީތެރިކަން މަދީނާގައި ބޭނުންވާތީ، މަދީނާގައި މަޑުކޮށްދެއްވުމަށް އަބޫބަކުރުގެފާނު އެދިވަޑައިގަތެވެ. އެހެންކަމުން އަބޫބަކުރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު މަދީނާގައި މަޑުކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު