ރާއްޖެއަށއ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި
ރާއްޖެއަށއ ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި
މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 4.8 އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.16 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތު

ގައި ރާއްޖެއަށް އައި 1.21 މިލިއަން ފަތުރުވެރިންނާ އަޅައިބަލާއިރު ފާހަގަކުރެވޭ މިންވަރެއްގެ މަދުވުމެކެވެ.

މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދު ވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ދުވާލަކު އެވްރެޖްކޮށް 6,192 ފަތުރުވެރިން ރާއްޖެއަށް އައި ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 5,893 އަށް ތިރިވެފައެވެ. ނަމަވެސް، ކަނޑުމަގުން ކުރޫޒް ލައިނާތަކުގައި 15,577 ފަތުރުވެރިން މި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓަށް ބަލާއިރު، ޗައިނާ އޮތީ އެއްވަނައިގައެވެ. އެ ގައުމުން މިހާތަނަށް 190,016 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި 164,067 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު އަދި އިންޑިއާއިންނެވެ.

ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން 72.6 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 22.9 އިންސައްތަ ފަތުރުވެރިން ތިބީ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވީ މައިގަނޑު ދޮރާއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ އެއާޕޯޓުން 1.13 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަދެފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 4,304 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

މި އަހަރު ފަތުރުވެރިންގެ އަދަދު ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތަކެވެ. މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކާއެކު، މިދިޔަ މާރިޗު މަހު 20.7 އިންސައްތަ އަދި އޭޕްރިލް މަހު 24.4 އިންސައްތަ ފަތުރުވެރިން އައި މިންވަރު ދަށްވިއެވެ. މެއި މަހު ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން މަހު އަނެއްކާވެސް ވަނީ 12 އިންސައްތައިގެ ދަށްވުމެއް ފާހަގަކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު