ބޮލީވުޑްގެ މަގުބޫލު ބަތަލާ ޖާންވީ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ޕެޑީ" އާ ގުޅިގެން އުފެދުނު ބޮޑު ބަހުސަށްފަހު، އޭނާ އާ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޖާންވީ ސޮއިކޮށްފައިވަނީ ކާމިޔާބު ފިލްމު "ޕަގްލައިޓް" ގެ ޑައިރެކްޓަރު އުމޭޝް ބިސްޓް އުފައްދާ އާ ފިލްމެއްގައެވެ. މިއީ މި ދެ ފަންނާނުން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމަކީ އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗާސް އާއި ގުނީތު މޮންގާގެ ސިކްޔާ އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ފިލްމެކެވެ. ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަދި ނަން ދެވިފައިނުވާ މި ފިލްމުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގެ ވާހަކައާއި އިތުރު ތަރިންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ޑައިރެކްޓަރު އުމޭޝް ބިސްޓް އަންނަނީ ސާނިޔާ މަލްހޯތުރާއާ އެކު "ޕަގްލައިޓް 2" ގެ މަސައްކަތް ކުރުމަށްވެސް ތައްޔާރުވަމުންނެވެ.

ޖާންވީ އާ ފިލްމަކަށް ތައްޔާރުވަމުން މިދަނީ، އޭނާގެ ފިލްމު "ޕެޑީ" ގައި އަދާކުރި 'އަޗިޔައްމާ' ގެ ކެރެކްޓަރާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ފިލްމުގައި އަންހެނުން އިޝްތިހާރު ކުރާ ފަދަ ގޮތަކަށް މަންޒަރުތައް ކެމެރާކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މި މައްސަލައިގައި ޖާންވީ އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ބައެއް މީހުން ބުނަނީ މިއީ ބަތަލާގެ މައްސަލައެއް ނޫން ކަމަށާއި މިއީ ޑައިރެކްޓަރުގެ ނިންމުމެއް ކަމަށެވެ.

މި މައްސަލަ ބޮޑުވުމާ ގުޅިގެން، "ޕެޑީ" ގެ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ވަނީ މާފަށް އެދި، ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތައް އުނިކޮށްފައެވެ. މި ބަހުސަށް ބޮލީވުޑްގެ ތަޖުރިބާކާރު ތަރިން ކަމަށްވާ ޖަޔާ ބައްޗަން، ކަރީނާ ކަޕޫރު، އަދި ނިތްޔާ މެނަން ފަދަ ފަންނާނުންވެސް ވަނީ ފާޑުކިޔައި، ފިލްމުތަކުގައި އަންހެނުންގެ ދައުރު މިއަށްވުރެ ރަނގަޅަށް ބައްޓަންކުރަންޖެހޭ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް