ސަލްމާން ޚާން
ސަލްމާން ޚާން
މިވަގުތު އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކަކުން، ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ސިފައަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މުމްބާއީގައި ބޭއްވުނު "ސްލަމް ރިހެބިލިޓޭޝަން އޮތޯރިޓީ" ގެ އިވެންޓެއްގައި ސަލްމާން ފެނިގެންދިޔައިރު، އޭނާ ވަރަށް ބޮޑަށް ހިކިވެ، ވަރުބަލިވެފައި ހުރިހެން ފެނުނު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި މަންޒަރުތައް ދައުރުވާން ފެށުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާގެ ސިއްހީ ހާލަތާމެދު ސުވާލު އުފައްދައި، އޭނާ ބަލިވެ އުޅެނީތޯ ސުވާލުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.



ސަލްމާން


މި އިވެންޓުގައި ސަލްމާން ބައިވެރިވީ އާ އައިޓީ ސާވާ ރޫމެއް ހުޅުވައިދިނުމަށާއި، ބައެއް ފަރާތްތަކަށް ގެދޮރުގެ ތަޅުދަނޑި ހަވާލުކުރުމަށެވެ. 60 އަހަރުގެ މި ތަރި ފެނުނީ އާދައިގެ ހެދުމެއްގައި، ތޮތްޕެއް އަޅައިގެންނެވެ.

ހިނިތުންވުމްކާއެކު އޭނާ އެންމެންނާ ބައްދަލުކުރި ނަމަވެސް، ފޭނުންނަށް ފާހަގަކުރެވުނީ އޭނާގެ މޫނުމަތިން ފެންނަމުންދިޔަ މުސްކުޅިކަމާއި، ކުރިއާ ހިލާފަށް ހަށިގަނޑު ހިކިފައިވުމެވެ. ބައެއް ފޭނުން ވަނީ އޭނާގެ ސިފަ، އުމުރުން ދުވަސްވީ އެހެން ތަރިންނާ އަޅާކިޔައި، އޭނާގެ "އައުރާ" ނުވަތަ ޝަހުސިއްޔަތުގެ ވިދުން ފަނޑުވެފައިވާ ކަމަށް ބުނެ ހިތާމަ ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެ ފެކްޝަނެއްގެ ހިޔާލުތައް ދަނީ ފެންނަމުންނެވެ. އެއްބަޔަކު އޭނާގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެމީހުން ބުނާ ގޮތުގައި، ސަލްމާން އުމުރުން 60 އަހަރުވުމަކީ ގުދުރަތީ ކަމެއް ކަމަށާއި، އޭނާ އުމުރުގެ ހަގީގަތް ގަބޫލުކޮށް، އެގޮތަށް އާންމުންގެ ތެރެއަށް ނިކުތުމަކީ ހިތްވަރުގަދަ ކަމެކެވެ.

މީގެ އިތުރުން، އޭނާ މިހާރު މަސައްކަތްކުރަމުންދާ ފިލްމު "މާތުރޫބޫމީ" އަށް ކުރަމުންދާ މަސައްކަތްތަކަކީ ޖިސްމާނީ ގޮތުން ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި، އެކަމުގެ އަސަރުވެސް އޭނާގެ ސިފައަށް ކުރަމުންދާނެ ކަމަށް އޭނާގެ ގިނަ ފޭނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް