ތެލެގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ޖޫނިއަރ އެންޓީއާރް ސިޔާސީ ދާއިރާއަށް ނުކުންނަވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ޓީމުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

މި އަޑުތައް ފެތުރެން ފެށީ މި މަހުގެ 18 ވަނަ ދުވަހު ތިރުޕަތީގައި އޭނާ ބައިވެރިވާ ޚާއްޞަ ހަރަކާތަކާ ގުޅިގެން، އެ ހަރަކާތުގައި ސިޔާސީ ބޮޑު ނިންމުމެއް އިޢުލާން ކުރައްވާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ޖޫނިއަރ އެންޓީއާރްގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުލައި 18 ގައި ތިރުޕަތީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކީ "#އޫރުވާދާ" އިނީޝިއޭޓިވްގެ ދަށުން އިޖުތިމާޢީ ކަމަކަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ސިޔާސީ ކަމަކާ ގުޅުންހުރި ހަރަކާތެއް ނޫން ކަމަށާއި، މިއީ މާ ކުރިންވެސް ރޭވިފައިވާ ކަމެއް ކަމަށް އެ ޓީމުން ވަނީ ސާފުކޮށްދީފައެވެ.

މި ދަނޑިވަޅުގައި މިފަދަ އަޑުތަކެއް ގަދަވެފައިވަނީ، ތަމަޅަ އެކްޓަރު ވިޖޭ ދާދި ފަހުން ސިޔާސީ ދާއިރާއަށް ނުކުތުމާ ގުޅިގެން، ޖޫނިއަރ އެންޓީއާރްވެސް އެފަދަ ފިޔަވަޅެއް އަޅުއްވަފާނެ ކަމަށް ބެލެވުމުންނެވެ. ނަމަވެސް، އޭނާގެ ސަޕޯޓަރުންނާއި ޓީމުން ބުނަނީ މިއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޖޫނިއަރ އެންޓީއާރަކީ އަންދްރަޕްރަދޭޝްގެ ސިޔާސީ ގޮތުން ނުފޫޒުގަދަ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ ތެލެގޫ ދޭސަމް ޕާޓީ (ޓީޑީޕީ) އުފެއްދެވި، އަންދްރަޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރު އެންޓީ ރާމާ ރާއޯގެ ކާފަ ދަރިކަލެކެވެ. އޭނާގެ ބައްޕަ ނަންދަމޫރީ ހަރިކްރިޝްނާ އަކީވެސް ޓީޑީޕީގެ އިސް ލީޑަރެކެވެ. މީގެ އިތުރުން، އަންދްރަޕްރަދޭޝްގެ މިހާރުގެ ޗީފް މިނިސްޓަރު ޗަންދްރަބާބޫ ނައިޑޫ އަކީވެސް ޖޫނިއަރ އެންޓީއާރްގެ އާއިލީ ބޭފުޅެކެވެ.

2009 ވަނަ އަހަރުގެ އިންތިޚާބުގައި ޖޫނިއަރ އެންޓީއާރް ވަނީ ޓީޑީޕީއަށް ކެމްޕޭން ކޮށްދީފައެވެ. އެފަހަރު އޭނާ ދެއްވި ތަގުރީރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން އޭނާ ސިޔާސީ ދާއިރާއަށް ނުކުންނަވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ ފިލްމީ ދާއިރާއަށް އެނބުރި ވަޑައިގެން، ސިޔާސީ ކަންކަމާ ދުރުގައި ހުންނަވާފައެވެ.

މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޕްރަޝާންތު ނީލް އަދި ތްރިވިކްރަމް ސްރިނިވާސްގެ ފިލްމުތަކުގައެވެ.



ކިޔުންތެރިންގެ ހިޔާލު