ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: މިނިސްޓްރީ
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: މިނިސްޓްރީ
ދިވެހިރާއްޖެއާއި އެފްރިކާ ބައްރުގެ އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގެ އިތުރުން ފަހުމްނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރި ހަވަނަ ޤައުމު ކަމަށެވެ. މީގެ ކުރިން ރާއްޖެއިން ވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ދެކުނު އެފްރިކާއާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ އެއާލައިންތަކަށް ޝެޑިއުލް ސީދާ ދަތުރުތައް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އެގޮތުން، އެފްރިކާގެ އެންމެ ފުޅާ ވައިގެ ވިއުގައެއް އޮންނަ އިތިއޯޕިއަން އެއާލައިންސްއިން އެ ޤައުމުގެ ވެރިރަށް އެޑިސް އަބާބާއިން ރާއްޖެއަށް ދަތުރުތައް ފެށުމުގެ ޝައުޤުވެރިކަން މިހާރުވެސް ފާޅުކޮށްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ޤައުމީ އެއާލައިން 'މޯލްޑިވިއަން' އިން ވެސް އިތިއޯޕިއާއަށް ދަތުރުތައް ކުރުމުގެ މަގު މި އެއްބަސްވުމުން ފަހިވެގެންދާނެއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އިޤުތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކާ ރާއްޖެ ވައިގެ މަގުން ގުޅާލުމަކީ ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ރާއްޖޭގެ އިޤުތިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާޢަތަށް އާ ފުރުޞަތުތަކެއް ހުޅުވޭނެކަން ފާހަގަކުރައްވައި، މިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް މިނިސްޓަރު ވަނީ ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު