މަޝްހޫރު ލަވަކިޔުންތެރިޔާ އަރްމާން މާލިކްގެ އައު ލަވަ "ގަޔާ ކާމް ސޭ" ނެރުން ފަސްކޮށްފިކަން އޭނާ އިއުލާނުކޮށްފިއެވެ.

މި ލަވަ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 22 ވާ ހޯމަ ދުވަހުއެވެ.

އަރްމާން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، މިއީ އޭނާގެ އުފަންދުވަހާ ދިމާކޮށް ވަރަށް ލޯތްބާއެކު ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށެވެ. ނަމަވެސް، މިވަގުތު އިންޑިއާގެ މަސްރަހު އޮތްގޮތުން މިއީ އައު ލަވައެއް ނެރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް އޭނާއަށް ގަބޫލުކުރެވޭތީ، ލަވަ ނެރުން ފަސްކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ މި ނިންމުމަށް ފޭނުން އިހުތިރާމް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އަރްމާން މިފަދަ ނިންމުމެއް ނިންމާފައިވަނީ އިންޑިއާގެ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީޖޭޕީ) އިން އިސްނަގައިގެން 'ޗަލޯ ސަންސަދު' ގެ ނަމުގައި ޕާލަމެންޓާ ދިމާލަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެންނެވެ. މެޑިކަލް އެންޓްރެންސް އިމްތިހާނު (ނީޓް) ގައި ހިނގާފައިވާ ކަމަށް ބުނާ އޮޅުވާލުންތަކާ ދެކޮޅަށް ކުރިއަށްދާ މި މުޒާހަރާގައި، ދަރިވަރުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ފުލުހުން ވަނީ ކަރުނަގޭހާއި މުގުރު ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް މަސައްކަތްކޮށް، ބައެއް ދަރިވަރުން ހައްޔަރުކޮށްފައެވެ.

މި މުޒާހަރާގެ ބައިވެރިން އަންނަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާންގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ. މީގެ އިތުރުން، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.

މި ހާދިސާތަކާ ގުޅިގެން އަރްމާން މާލިކް ބުނެފައިވަނީ، ދަރިވަރުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ސުލްހަވެރި މުޒާހަރާތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންގެ އަޑު އަހަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް އަންނަނީ ދަރިވަރުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު