އިމްރާން ޢަބްދުﷲ (ވ). ރިޟްވާންގެ މަންމަ (ކ)
އިމްރާން ޢަބްދުﷲ (ވ). ރިޟްވާންގެ މަންމަ (ކ)
2015 ވަނަ އަހަރުގެ މެއިޑޭ މުޒާހަރާގައި މިހާރުގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ދެއްކީ މީހުން މަޝްހޫރުވާން ދައްކާ ޒާތުގެ ވާހަކަ ނޫން ކަމަށް ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ ޢާއިލާ އިން ބުނެފިއެވެ.

މޭޑޭ މުޒާހަރާގައި ބައިވެރިންނާއި މުހާތަބުކޮށް އިމްރާން ވަނީ އޭނާގެ އަތުގައި ރިލްވާންގެ މައްސަލަ އާއި އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ރައްޔިތުންގެ މަޖިލީހުގައި އިމްރާން ވިދާޅުވީ، އެ ހެކިތައް ރައީސް ޔާމީންގެ ސަރުކާރުގައި ފުލުހުން އޭނާގެ އަތުން އަތުލާފައިވާ ކަމަށެވެ. އަދި ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާގައި އެމަނިކުފާނު ގެންގުޅުނީ އަސްލު ހެކިތަކެއް ނޫން ކަމަށާއި، އެ ތަކެތީގެ އަސްލު ހުންނަންވީ ތަނުގައި ހުންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ކުރި ޓްވީޓެއްގައި ރިޟްވާންގެ ދައްތަ ޝެހެނާޒް ޢަބްދުއްﷲ ވިދާޅުވީ، މޭޑޭގައި އިމްރާން ދެއްކެވީ މީހުން މަޝްހޫރުވާން ދައްކާ ޒާތުގެ ވާހަކަ ނޫން ކަމަށެވެ. އަދި މީ ފުރިހަމަ ތަޙުޤީޤެއް ހިންގަންޖެހޭ މައްސަލައެއް ކަމަށާއި، ރިޟްވާން މަރުވެފައިވާކަން އެއްވެސް ކޯޓަކުންވެސް އަދި މަރު ކޮމިޝަނުންވެސް ރަސްމީކޮށް އެ ޢާއިލާއަށް އަންގާފައި ނުވާ ކަމަށެވެ.

"ޙަޤީޤަތެއް ނެތް އަނިޔާވެރި ވާހަކަ ދެއްކިއިރު އެންމެ ފަހަރަކުވެސް ވިސްނާލިންތަ ރިޟްވާންގެ ޢާއިލާ އެ ދަރިފުޅަށް ވީގޮތް ނޭނގިގެން ރޮއި ހިތާމަ ކުރާކަން. ސިޔާސީ މީހުންގެ ފައިދާއަށް މިބާވަތުގެ ވާހަކަދެއްކުމަކީދަށު ދަރަޖައިގެ ޢަމަލެއް. މިކަން ޢާއިލާއިން ކުށްވެރިކުރަން" ރިޝްވާންގެ ދައްތަ ޝެހެނާޒް ކޮށްފައިވާ ޓްވީޓް ގައި ވެއެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މޭޑާ މުޒާހަރާގައި އޭނާ ދެއްކެވި ވާހަކަތަށް ވަރަށް ގިނަ ރައްޔިތުން މިހާރު ހަނދާން ނުހުންނާނެ ކަމަށާއި، ނަމަވެސް އޭނާ އެ ވާހަކަތަށް ހަނދާން އެބަހުރި ކަމަށެވެ. އިމްރާން ވިދާޅުވީ އެ ދުވަހު ރިޟުވާނުގެ މަރުގެ މައްސަލައިގައި ސީދާކޮށް އެއްވެސް މީހަކާ ގުޅުވައިގެން ވާހަކަ ނުދައްކާ ކަމަށެވެ. އަދި ރިޟުވާނަށް ވީގޮތް އޭރުވެސް އެ ސަރުކާރުގެ ވެރިންނަށް އެނގޭނެ ކަމަށް ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެދުވަހުގެ މުޒާހަރާގައި އޭނާ ގެންގުޅުނީ ހެކިތަކުގެ ކޮޕީއެއް ކަމަށާއި، އޭގެ އަސްލު ހުންނަންޖެހޭ ތަނުގައި ހުންނާނެ ކަމަށެވެ. އަދި ރޭގެ ޕްރޮގްރާމްގައި އިމްރާން ދެއްކެވި ގިނަ ވާހަކަތަކެއްގެ މައްސަލަ ހޫނުވެ އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން