ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ރިޔާސީ އިންތިޚާބު 2028ގެ "ކޭކު ސައްލާ" މޫސުން ފެށިއްޖެ ކަމަށާއި، މި މޫސުމުގެ ހޭނަކަތާއެކު ދޮންދޫންޏާއެކީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ނުކުމެވަޑައިގެންފި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވަނީ، އިމްރާނަކީ ނަމުގެ ކުރިއަށް "އައްޝައިޚް" ލައިގެން އުޅުއްވާ ބޭފުޅަކަށްވާތީ، "ތެދަކީ އަމާނާތެކެވެ. ދޮގަކީ ޚިޔާނާތެކެވެ" މި ބަސްފުޅު އިމްރާނަށް ހަނދާންކޮށް އަރުވާފައެވެ. އަދި ތެދަށް ވާހަކަ ދެއްކުމަކީ "ސްމޯކިން އޭރިއާތައް" ގޮތަށް ވަކި ތަންތަނެއްގައި އެކަނި ކުރެވޭ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެ މަޝްރޫޢުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ، ދިވެހި ފަސްގަނޑުން 500 ހެކްޓަރުގެ ބިން ޒަޔަނިސްޓު ޔަހޫދީންނަށް ވިއްކާލައިފިނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނީ ދިވެހި ތާރީޚު ދުށް ޤައުމުދެކެ އެންމެ ލޯބިނުވާ، އިސްލާމްދީނަށާއި ޤައުމިއްޔަތަށް އެންމެ ބޮޑު ޚިޔާނާތެއްވި ވެރިޔާއަށް ކަމަށް ވިދާޅުވެ، ޤައުމުގެ ހިމާޔަތުގައި ތެދުވަން އިމްރާން ގޮވާލައްވާފައި ވަނިކޮށެވެ.

އިމްރާންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވައްޑެ ވަނީ ނ. އަތޮޅުގެ ބޮޑު ފަޅެއް ވިއްކާލިއިރު އިމްރާން ކޮބައިތޯ އައްސަވާފައެވެ. އަދި ރާއްޖޭގައި އޮތްހާ ފަޅުރަށާއި ފަޅުތައް ވިއްކައި ހުސްކުރިއިރު ތިޔަ ވިދާޅުވާ ޤައުމީ ލޯބި އޮތީ ކޮންތާކުތޯވެސް ވައްޑެ ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން، ސިޔާސީ މީހުންނާ އެއްވަރަށް ދީނީ ޢިލްމުވެރިން "ސިޔާސީ ޗަރުކޭސް ކުޅުމާއި" އޭގެން ވިޔަފާރި ހިންގަން އުޅުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށް ވައްޑެ ފާހަގަކުރެއްވިއެވެ. އަދި މި ޤައުމު މި ހިސާބަށް ދިޔައީ ބޮޑެތި މަސްއޫލު މަޤާމުތަކުގައި ތިއްބަވާއިރު އެއްވެސް ބަހެއް ބުނަން ނުކެރިފައި، މަޤާމު ގެއްލުމުން "ފިސާރި ބަސްބުނާ" ބޭފުޅުން ގިނަވުމުގެ ސަބަބުންކަން ފާހަގަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް