އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ވިޖޭގެ އެންމެ ފަހު ފިލްމު 'ޖަނަ ނަޔަގަން' ރިލީޒްކުރުމަށް ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އެ ފިލްމުގެ ޓިކެޓްތައް ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކަމުންދާ ކަމަށް ބުނެ ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެއެވެ.

ޓަމިލްނާޑޫގެ ބައެއް ސިނަމާތަކުގައި ޓިކެޓްގެ އަގު ހުރީ ސަރުކާރުން ކަނޑައަޅާފައިވާ 190 ރޫޕީސް އަށްވުރެ މާ މަތީގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ނަމައްކަލް ޑިސްޓްރިކްޓްގެ ސިނަމާއެއްގައި ބަޔަކު މީހުންނާއި ސިނަމާގެ މެނޭޖްމަންޓާ ދެމެދު ހިނގި ޒުވާބެއްގެ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، 190 ރޫޕީސް އަށް ވިއްކަންޖެހޭ ޓިކެޓެއް 300 ރޫޕީސް އަށް ވިއްކާތީ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. "ކާކު ހުއްދަ ދީގެންތޯ 300 ރޫޕީސް އަށް ޓިކެޓް ތިޔަ ވިއްކަނީ؟" އެތަނުން އެކަކު ސުވާލުކުރާ އަޑު އިވެއެވެ. އަދި ޗީފް މިނިސްޓަރުގެ އޮފީހަށް ގުޅާފައި އެ އަގުގައި ޓިކެޓް ވިއްކިދާނެތޯ އަހާލުމަށް ވެސް ބައެއް މީހުން ދިޔައީ ގޮވަމުންނެވެ.

ނަމަވެސް، ސިނަމާތަކުގެ މެނޭޖްމަންޓުން މި ތުހުމަތުތައް ދޮގުކުރެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ބައެއް މީހުން ޓިކެޓް ގަތުމަށްފަހު، ބްލެކް މާކެޓުގައި 1000 ރޫޕީސް އަށްވުރެ ބޮޑު އަގުގައި ޓިކެޓްތައް ދަނީ އަލުން ވިއްކަމުންނެވެ.

މި މައްސަލައިގައި ވިޖޭގެ ސަޕޯޓަރުން ދަނީ އެކްސް މެދުވެރިކޮށް ވިޖޭ އާއި ޓަމިލްނާޑޫ ސަރުކާރު ޓެގްކޮށް، މި ކޮރަޕްޝަން ހުއްޓުވުމަށް ގޮވާލަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް އަމަލުކުރުމަށް ސިނަމާތަކަށް މަޖުބޫރުކުރަން ޖެހޭ ކަމަށެވެ.

އެޗް. ވިނޯދު ޑައިރެކްޓްކޮށްފައިވާ 'ޖަނަ ނަޔަގަން' އަކީ ވިޖޭގެ ފިލްމީ ކެރިއަރުގެ އެންމެ ފަހު ފިލްމެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން އޮތީ 9 ޖެނުއަރީ 2026 ގައެވެ. ނަމަވެސް، ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތަކުން ދީނީ އިހުސާސްތަކާއި ސިފައިންނަށް ކުޑައިމީސްވާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން، ސެންސަރު ބޯޑުން ވަނީ ފިލްމު އަލުން މުރާޖައާކޮށްފައެވެ.

މި މައްސަލަތަކަށްފަހު، ފިލްމަށް 'އޭ' ސެޓްފިކެޓް (ކުޑަކުދިންނަށް ނުބެލޭ ގޮތަށް) ދީފައިވާއިރު، ފިލްމު ސިނަމާތަކަށް އަންނާނީ މިއަދު އެވެ. މި ފިލްމަކީ ވިޖޭ ސިޔާސީ ދާއިރާއަށް ފުރިހަމައަށް ވަނުމުގެ ކުރިން ކުޅޭ ފަހު ފިލްމަށް ވާތީ، މިއީ އޭނާގެ ފޭނުންނަށް ވަރަށް މުހިންމު ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު