އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ރޮޑްރިގޯ ޑި ޕޯލް ވޯލްޑް ކަޕް ފައިނަލް މެޗަށް ހާޒިރުވަނީ.
އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ރޮޑްރިގޯ ޑި ޕޯލް ވޯލްޑް ކަޕް ފައިނަލް މެޗަށް ހާޒިރުވަނީ.
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ އެމެރިކާގެ މޭޖަރ ލީގް ފުޓްބޯޅައިގައި ކުޅެމުންދާ ކުޅުންތެރިންގެ ހުނަރާއި ގާބިލުކަން ދުނިޔެއަށް ދައްކާލި މުހިންމު މައިދާނެކެވެ. މި މުބާރާތުގައި އެމް.އެލް.އެސް ތަމްސީލުކުރި ގިނަ ކުޅުންތެރިންތަކެއް ވަނީ އެކި ގައުމުތަކުގެ ގައުމީ ޓީމުތަކުގައި މުހިންމު ދައުރެއް އަދާކޮށް، ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީއާއެކު، މި ލީގުގެ ފެންވަރު އުފުލިފައިވާ މިންވަރު މި ފަހަރުގެ ވޯލްޑް ކަޕުން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ.

މި މުބާރާތުގައި ފެނިގެންދިޔަ އެމް.އެލް.އެސް ކުޅުންތެރިންގެ ތެރެއިން، ދަނޑުމަތީގައި ދެއްކި ހިތްވަރާއި، ހޯދި ކާމިޔާބީތަކަށް ބަލައި ތައްޔާރުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ލިސްޓެއް ތިރީގައި އެވަނީއެވެ. މި ލިސްޓުގައި ހިމެނެނީ މުބާރާތުގެ ތަރިންގެ ގޮތުގައި ފާހަގަކުރެވުނު ކުޅުންތެރިންނާއި، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ ގައުމަށް ނަތީޖާ ހޯދައިދިން ކުޅުންތެރިންގެ އިތުރުން، މުބާރާތަށްފަހު އެމީހުންގެ އަގު އުފުލިގެންދިޔަ ޒުވާން ހުނަރުވެރިންނެވެ.

އެގޮތުން، މިބަލާލަނީ އެމެރިކާގެ މޭޖަރ ލީގް ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ 45 ކުޅުންތެރިންގެ ކިބައިން ވޯލްޑްކަޕް 2026ގައި ފެނިގެންދިޔަ ކުޅުމުގެ މައްޗަށް ބިނާކޮށް އެމްނެ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. މި 45 ކުޅުންތެރިންގެ ތެރޭގައި ނިމިގެންދިޔަ މުބށާރާތުގައި އެއްގޮތަކަށްވެސް ކުޅުމުގެ ފުރުސަތު ލިބިފައިނުވާ 8 ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލަމެވެ.

1. ލިއޮނަލް މެސީ (އާޖެންޓީނާ / އިންޓަ މިއާމީ)

މި ލިސްޓުގެ އެންމެ ކުރިން މެސީއަށް ޖާގަ ލިބުމަކީ އެއްވެސް މީހަކު ސުވާލު އުފައްދާނެ ކަމެއް ނޫނެވެ. މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭއިރު، އުމުރުން 39 އަހަރުގައިވެސް މެސީ ދެއްކީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. މުޅި މުބާރާތުގައި އަށް ގޯލާއި ހަތަރު އެސިސްޓް ހޯދައިދީ، އާޖެންޓީނާ ކުރިއަށް ގެންދިއުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ކާބޯ ވާޑޭ އަތުން 3-2 އިން މޮޅުވި މެޗާއި، މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ނަތީޖާ ހަމަހަމަކޮށްދިނުމުގެ އިތުރުން، އިންގްލެންޑާ ދެކޮޅަށް ފަހު ވަގުތު ޖެހި ދެ ގޯލަކީ އޭނާގެ ޖާދޫވީ ހުނަރު ފެނިގެންދިޔަ މެޗުތަކެވެ. ފައިނަލް މެޗުގައި ކުޅުން ކުޑަކޮށް ފަނޑުވި ނަމަވެސް، މެސީ މިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެހެން ކުޅުންތެރިއަކަށް އަތުނުލެވޭނެ ފަދަ މަތިވެރި ރެކޯޑުތަކެއް ގާއިމުކޮށްފައެވެ.

2. ރޮޑްރިގޯ ޑި ޕޯލް (އާޖެންޓީނާ / އިންޓަ މިއާމީ)

އާޖެންޓީނާގެ މިޑްފީލްޑް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އިންޓަ މިއާމީގެ ޑި ޕޯލްއެވެ. މުބާރާތުގެ ފައިނަލާ ހަމައަށް ދިޔަ ދަތުރުގައި ދެ މެޗު ފިޔަވައި ހުރިހާ މެޗެއްގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އޭނާގެ ހީވާގި މަސައްކަތާއި ހަރުދަނާ ކުޅުމުގެ ސަބަބުން، އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ވާސިލުވުމަށް ބޮޑު ބާރަކަށްވިއެވެ.

3. ސްޓީވަން އެސްޓާކިއޯ (ކެނެޑާ / ޓޮރޮންޓޯ އެފްސީ)

ކެނެޑާގެ ފުޓްބޯޅަ ތާރީހުގައި މި ފަހަރުގެ ވޯލްޑް ކަޕަކީ ރަން އަކުރުން ފަވާލެވޭނެ މުބާރާތެކެވެ. އެގައުމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ފެނިގެންދިޔައީ އެސްޓާކިއޯއެވެ. ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު ގަދަ 32 ގެ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑަކީ، ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކެނެޑާ ހޯދި ފުރަތަމަ މޮޅު ކަށަވަރުކޮށްދިން ލަނޑެވެ.

4. އެމްބެކެޒެލީ އެމްބޮކާޒީ (ސައުތު އެފްރިކާ / ޗިކާގޯ ފަޔަރ)

ޗިކާގޯ ފަޔަރއަށް ކުޅެމުންދާ އުމުރުން އެންމެ 20 އަހަރުގެ އެމްބޮކާޒީއަކީ މި މުބާރާތަށް ނެގި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ނަމަވެސް، ދަނޑުމަތީގައި އޭނާ ދެއްކި ހަރުދަނާ ޑިފެންސިވް ކުޅުމަކީ ތަޖުރިބާކާރު ކުޅުންތެރިއަކާ އެއްވަރުގެ ކުޅުމެކެވެ. މި މުބާރާތަށްފަހު އޭނާގެ މާކެޓް އަގު 4 މިލިއަން ޑޮލަރުން 9 މިލިއަން ޑޮލަރަށް އުފުލިގެން ދިއުމަކީ އޭނާގެ ހުނަރުގެ ހެކިލިބޭ ކަމެކެވެ.

5. މަޓިއަސް ގަލާޒާ (ޕެރަގުއޭ / އެޓްލާންޓާ ޔުނައިޓެޑް)

ޕެރަގުއޭގެ މެދުތެރޭގައި ގަލާޒާ ވަނީ އުންމީދީ ކުޅުމެއް ދައްކާފައެވެ. ތުރުކީ ކޮޅަށް ގޯލެއް ޖެހުމުގެ އިތުރުން، ވަރުގަދަ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީ އޭނާގެ ފެންވަރު ސާބިތުކޮށްދިނެވެ. މުބާރާތުގެ ކާމިޔާބީއަށްފަހު އޭނާ މިހާރު ވަނީ އެޓްލާންޓާ ޔުނައިޓެޑް ދޫކޮށް އާޖެންޓީނާގެ ރިވަރ ޕްލޭޓަށް ބަދަލުވެފައެވެ.

6. އަންދްރޭސް ކޫބާސް (ޕެރަގުއޭ / ވެންކޫވަރ ވައިޓްކެޕްސް)

ޕެރަގުއޭގެ ޑިފެންސިވް މިޑްފީލްޑްގައި ކޫބާސް އަދާކުރި ދައުރަކީ އެ ޓީމު ކުރިއަށް ދިއުމުގެ މައިބަދައެވެ. ދުނިޔޭގެ އެންމެ ހަލުވި އަދި ނުރައްކާތެރި ފޯވާޑުންގެ ތެރޭގައި ހިމެނޭ ކީލިއަން އެމްބާޕޭ ފަދަ ކުޅުންތެރިން ހުއްޓުވުމުގައި އޭނާ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

7. ފިން ސާމަން (ނިއުޒީލަންޑް / ޕޯޓްލަންޑް ޓިމްބާސް)

ނިއުޒީލަންޑުގެ ޑިފެންސްލައިން ބެލެހެއްޓުމުގައި ޕޯޓްލަންޑް ޓިމްބާސްގެ ސެންޓަރ ބެކް، ފިން ސާމަން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އިދިކޮޅު ޓީމުތަކުގެ ހަމަލާތައް ހުއްޓުވުމުގެ އިތުރުން، މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް، ޓީމަށް އިތުރު ހިތްވަރެއް ދީފައެވެ.

8. ސެބަސްޓިއަން ބާހަލްޓާ (އެމެރިކާ / ސެއިންޓް ލޫއިސް ސިޓީ އެސްސީ)

އެމެރިކާ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެންމެ ބޮޑަށް އިތުބާރުކުރި އެއް "ސުޕަރ ސަބް" އަކީ ބާހަލްޓާއެވެ. އޭނާ ވަނީ އެމެރިކާ ކުޅުނު ކޮންމެ މެޗެއްގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ، ޓީމުގެ ކުޅުމަށް އައު ދިރުމެއް ގެނެސްދީފައެވެ. މުބާރާތުގައި އޭނާ ވަނީ ލަނޑަކާއި އެސިސްޓެއް ހޯދާފައެވެ.

9. ސްޓީވަން މޮރޭރާ (ކާބޯ ވާޑޭ / ކޮލަމްބަސް ކްރޫ)

ކާބޯ ވާޑޭއިން މި ފަހަރުގެ މުބާރާތުގައި ދެއްކި ހައިރާންކުރުވަނިވި ކުޅުމުގެ ފަހަތުގައި ހުރި އެންމެ ވަރުގަދަ އެއް ތަނބަކީ މޮރޭރާއެވެ. ސްޕެއިން، އުރުގުއޭ އަދި އާޖެންޓީނާ ފަދަ ދުނިޔޭގެ ގަދަބާރުތަކާ ދެކޮޅަށް ކުޅުނުއިރު، އޭނާގެ ޑިފެންސިވް ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

10. އެއިޑަން އޯނީލް (އޮސްޓްރޭލިއާ / ނިއު ޔޯކް ސިޓީ އެފްސީ)

އޮސްޓްރޭލިއާގެ މިޑްފީލްޑްގައި ހަމަޖެހިލައިގެން މޮޅު ކުޅުމެއް ދެއްކި އޯނީލްއަކީ އެ ޓީމުގެ ކާމިޔާބީގައި ހިއްސާވީ ކުޅުންތެރިއެކެވެ. ޕެރަގުއޭއާ ދެކޮޅަށް ކުޅުނު ގަދަ މެޗުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން، އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާއަށް ލިބުނެވެ.

11. މެޓް ފްރީޒް (އެމެރިކާ / ނިއު ޔޯކް ސިޓީ އެފްސީ)

ހުށިޔާރު ގޯލްކީޕަރެކެވެ. ގިނަ ސޭވްތަކެއް ކުރި ނަމަވެސް، މުހިންމު ވަގުތެއްގައި ހެދުނު ގޯހެއްގެ ސަބަބުން އޭނާއަށް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ.

12. ޖޭމްސް ރޮޑްރިގޭޒް (ކޮލަމްބިއާ / ރިއަލް ސޯލްޓް ލޭކް)

ކޮލަމްބިއާގެ ތަޖުރިބާކާރު މިޑްފީލްޑަރެވެ. ނަމަވެސް މި މުބާރާތުގައި އޭނާގެ ފަރާތުން ކުރީގެ ރަން ދުވަސްތަކުގެ ފޯރިއެއް ނުފެނުނެވެ.



ޖޭމްސް ރޮޑްރިގޭޒްގެ ފަރާތުން މިފަހަރުގެ ވޯލްޑް ކަޕްގައި ފެނުނީ އޭނާގެ އެންމެ މޮޅު ކުޅުމެއް ނޫނެވެ.


13. ހުއާން މެނުއަލް ސަނާބްރިއާ (އުރުގުއޭ)

ޑިފެންސިވް ގޮތުން ވަރުގަދަ ކުޅުމެއް ދެއްކިއެވެ. ވަކިން ހާއްސަކޮށް ލަމީން ޔަމާލް ފަދަ ނުރައްކާތެރި ކުޅުންތެރިން ހުއްޓުވުމުގައި ކާމިޔާބު ހޯދިއެވެ.

14. ރިޗީ ލަރިއާ (ކެނެޑާ / ޓޮރޮންޓޯ އެފްސީ)

ކެނެޑާގެ އަރިމަތިން ހަލުވި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް، ޑިފެންސްގައި ބައެއް ގޯސްތައް ހެދިފައިވާކަން ފާހަގަކުރެވުނެވެ.

15. ޓިމް ރީމް (އެމެރިކާ / ޝާލޮޓް އެފްސީ)

އުމުރުން 38 އަހަރުގެ ރީމްގެ ތަޖުރިބާއަށް ބަލައި ޓީމުން ޖާގަ ދިން ނަމަވެސް، ބެލްޖިއަމް އަތުން އެމެރިކާ ބަލިވި މެޗުގައި އޭނާގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނި، ޓީމަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ.

16. ލޫކަސް ހެރިންގްޓަން (އޮސްޓްރޭލިއާ / ބްރިސްބޭން ރޯ)

އުމުރުން އެންމެ 18 އަހަރުގައި އޮސްޓްރޭލިއާގެ ސްކޮޑުން ޖާގަ ހޯދައި، މުބާރާތުގެ ފަހު ދެ މެޗުގައި ކުޅެ އޭނާ ވަނީ އުންމީދީ ކުޅުމެއް ދައްކާފައެވެ.

17. މެކްސިމް ކްރެޕޯ (ކެނެޑާ / ޕޯޓްލަންޑް ޓިމްބާސް)

ކެނެޑާގެ ގޯލްކީޕަރުގެ ގޮތުގައި ފަސް މެޗު ކުޅުނުއިރު، އޭނާގެ ބައިކޮޅަށް ހަ ގޯލު ވަދެފައިވެއެވެ. އޭނާގެ ފަރާތުން ބައެއް މުހިންމު ސޭވްތައް ފެނުނެވެ.

18. ސޮން ހިއުންގް-މިން (ދެކުނު ކޮރެއާ / އެލް.އޭ.އެފް.ސީ)

އެލް.އޭ.އެފް.ސީގެ މި ތަރިއަށް މިފަހަރުގެ މުބާރާތުގައި އެއްވެސް ލަނޑެއް ނުޖެހި، މުބާރާތް ނިމިގެންދިޔައީ އޭނާގެ ގައުމަށާއި ކުލަބަށްވެސް މާޔޫސްކަން ލިބޭ ފަދަ ގޮތަކަށެވެ.



ސައުތު ކޮރެއާ އާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗަށްފަހު ސޮން ހިއުންގް-މިންގެ މޫނުމަތިން ފެނުނު އަސަރުތައް.


19. ޕެޓަރ މޫސާ (ކްރޮއޭޝިއާ / އެފް.ސީ ޑަލަސް)

ކްރޮއޭޝިއާ ޓީމުގައި ހިމެނި، އޭނާއަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފައި އެއް ލަނޑު ކާމިޔާބުކޮށްދިނެވެ.

20. ޑެންލީ ޖީން ޖެކްސް (ހައިިޓީ / ކޮލަމްބަސް ކްރޫ)

ހައިޓީއަކީ މުބާރާތުގައި މާ ރަނގަޅު ނަތީޖާއެއް ނުނެރެވުނު ޓީމަކަށް ވުމުން، މެދުތެރޭގައި އޭނާ ކުރަންޖެހުނު މަސައްކަތް ވަރަށް ބޮޑުވެފައި ބުރައެވެ.

21. ކާލޮސް ހާވޭ (ޕެނަމާ / މިނެސޯޓާ ޔުނައިޓެޑް)

ޕެނަމާގެ ތިން މެޗުގައިވެސް ކުޅުނު ނަމަވެސް، މެޗުގެ ނަތީޖާއަށް ބަދަލެއް ގެނެވޭ ފަދަ މޮޅު ކުޅުމެއް ނުދެއްކުނެވެ.

22. މާކޯ ޕަސަލިކް (ކްރޮއޭޝިއާ / އޯލަންޑޯ ސިޓީ)

އޯލަންޑޯ ސިޓީގެ ވިންގަރު ވަނީ މުހިންމު ދަނޑިވަޅެއްގައި ލިބުނު ރަން ފުރުސަތެއް ބޭކާރުކޮށްލާފައެވެ.

23. މިގުއެލް އަލްމިރޯން (ޕެރަގުއޭ / ނިއުކާސަލް)

ޕެރަގުއޭގެ މި ކުޅުންތެރިޔާ މިފަހަރު ފާހަގަވީ ތުރުކީ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

24. މައިކަލް ބޮކްސޯލް (ނިއުޒީލަންޑް / މިނެސޯޓާ ޔުނައިޓެޑް)

އުމުރުން ދުވަސްވީ މި ޑިފެންޑަރަށް އިދިކޮޅު ހަލުވި ކުޅުންތެރިން ހުއްޓުވުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިއެވެ.

25. ޖެކޮބް ޝަފެލްބާގް (ކެނެޑާ / ނޭޝްވިލް އެސްސީ)

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަސް މެޗުގައި ކުޅުނު ނަމަވެސް، ޓީމަށް ނަތީޖާއެއް ނެރެދިނުމުގައި ނުކުޅެދުނެވެ.

26. އަހުމަދު ގާސިމް (އިރާގު / ކޮލަމްބަސް ކްރޫ)

ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ފުރިހަމަ ވަގުތު ކުޅުނެވެ. ނަމަވެސް ޓީމުގެ ރޭވުންތެރިކަމަށް އައި ބަދަލަކާއެކު އަވަހަށް ބަދަލުކުރަން ޖެހުނެވެ.

27. ލޫސިއަސް ޑީޑްސަން (ހައިޓީ / އެފްސީ ސިންސިނާޓީ)

ހައިޓީ ބަލިވި ތިން މެޗުގައިވެސް ބައިވެރިވި ނަމަވެސް، މުބާރާތް ނިމުނީ އެދެވޭ ކުޅުމެއް ނުދެއްކިއެވެ.

28. މެތިއު ޝޮއިނިއޭ (ކެނެޑާ / ސީއެފް މޮންޓްރިއަލް)

މުޅި މުބާރާތުގައިވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ މެޗެއްގައެވެ.

29. މެޓް ޓާނާ (އެމެރިކާ / އެފްސީ ސިންސިނާޓީ)

ތުރުކީ މެޗުގައި ތިން ގޯލު ވަދެ، އެއްވެސް ސޭވްއެއް ނުކުރެވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

30. މައިލްސް ރޮބިންސަން (އެމެރިކާ / ސިންސިނާޓީ)

ފުރުސަތު ލިބުނީ މާ ބޮޑު މާނައެއް ނެތް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ.

31. ކައި ޓްރޫއިން (އޮސްޓްރޭލިއާ / ނިއު ޔޯކް ސިޓީ އެފްސީ)

މިސްރު މެޗުގައި އަނިޔާވި ކުޅުންތެރިއެއްގެ ބަދަލުގައި ކުޅެން އެރި ނަމަވެސް، ދަނޑުމަތީގައި ގިނަ ވަގުތު ހޭދައެއް ނުކުރެވުނެވެ.

32. ބްރަޔަން އޮޖޭޑާ (ޕެރަގުއޭ / ރިއަލް ސޯލްޓް ލޭކް)

މުޅި މުބާރާތުގައިވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ 21 މިނެޓެވެ. އެހެންކަމުން އޭނާގެ ހަގީގީ ހުނަރު ދައްކާލުމަށް އެކަށީގެންވާ ވަގުތެއް ނުލިބުނެވެ.

33. ޑެރިކް އެޓިއެން (ހައިޓީ / ޓޮރޮންޓޯ އެފްސީ)

ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެން ނުކުތީ އެންމެ ފަހު 9 މިނެޓަށެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ ނަތީޖާއަށް ބަދަލެއް ގެނައުމަކީ އުނދަގޫ ކަމަކަށްވިއެވެ.

34. ޖޭޑަން ނެލްސަން (ކެނެޑާ / ރޯސެންބޯގް)

މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ކުޅެން އެރި ނަމަވެސް، ބޯޅައިގައި އަތްލުމުގެ ފުރުސަތުވެސް އޭނާއަށް ލިބުނީ ވަރަށް މަދުންނެވެ.

35. އަނީބަލް ގޮޑޯއި (ޕެނަމާ / ނޭޝްވިލް އެސްސީ)

ޕެނަމާގެ މި ތަޖުރިބާކާރު ކުޅުންތެރިޔާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އިދިކޮޅު ޓީމުން މޮޅުވި ލަނޑު ޖެހުމުން އޭނާއަށް މެޗުގައި ނުފޫޒެއް ނުފޯރުވުނެވެ.

36. ޖޮނަތަން އޮސޯރިއޯ (ކެނެޑާ / ޓޮރޮންޓޯ އެފްސީ)

ކެނެޑާގެ ދެ މެޗެއްގެ އެންމެ ފަހު މިނެޓުގައި ކުޅެން ނުކުތް ނަމަވެސް، އޭނާގެ ހުނަރު ދައްކާލުމަށް ބޭނުންވާ ވަގުތެއް މުބާރާތުގައި ނުލިބުނެވެ.

37. މެކްސް އާފްސްޓަން (އެމެރިކާ / ކޮލަމްބަސް ކްރޫ)

ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ 90 ވަނަ މިނެޓުގައި ކުޅެން އެރި ނަމަވެސް، އެންމެ ބޯޅައެއްގައިވެސް އަތްލެވުމުގެ ކުރިން މެޗު ނިމިގެންދިޔައެވެ.

ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިން:

ކްރިސް ބްރޭޑީ (އެމެރިކާ)، ސީ.ޖޭ ޑޮސް ސަންޓޯސް (ކާބޯ ވާޑޭ)، ރަޔާން އެލޫމީ (ޓިއުނީޝިއާ)، ހަރމަން ޖޯހަންސަން (ސްވިޑަން)، އޮލްވެތޫ މަޚާންޔާ (ސައުތު އެފްރިކާ)، ކްރިސްޓިއަން ރޮލްޑާން (އެމެރިކާ)، ޑޭން ސްޓް ކްލެއަރ (ކެނެޑާ)، ޖޮއެލް ވޯޓަރމަން (ކެނެޑާ).

މި 45 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިއަކަށް ކުޅެން ދަނޑަށް އެރުމުގެ ފުރުޞަތެއްލިބިފައި ނުވާއިރު، 37 ކުޅުންތެރިންނަށް ވަނީ އެ ފުރުޞަތު ލިބިފައެވެ. މީގެތެރެއިން ގިނަ ކުޅުންތެރިންނަކީ ފުރަތަމަ 11 ޖާގަލިބުނު ކުޅުންތެރިންނެވެ، އަނެއްބައި ކުޅުންތެރިންނަކީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ފުރުސަތު ލިބުނު ކުޅުންތެރިންނެވެ. ކުޅެން ފުރުސަތު ލިބުނު 37 ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންގެ ފަރާތުން އުންމީދުކުރި ފެންވަރުގެ ކުޅުމެއް ނުފެނި މި މުބާރާތް ވެގެންގޮސްފައިވަނީ ހަމައެކަނި އެމީހުންގެ ބައިވެރިވުމެއްގެ ގޮތުގައެވެ. ނަމަވެސް އަނެއް ބައި ކުޅުންތެރިން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައިވެސް ކުޅެން ލިބުނު ކުޑަ ވަގުތުކޮޅުގެ ބޭނުން ހިފައި، އެމީހުންގެ ހުނަރު ދައްކާލައި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

މި ހުރިހާ ކުޅުންތެރިންގެ މަސައްކަތުން އެނގިގެންދިޔައީ، އެމް.އެލް.އެސް އަކީ މިހާރު ދުނިޔޭގެ ފެންވަރުގެ ތަރިން އުފައްދާ އަދި ބޮޑެތި މުބާރާތްތަކުގައި ވާދަކުރެވޭ ފަދަ ވަރުގަދަ ލީގެއްގެ ގޮތުގައި ބަދަލުވަމުން އަންނަ ކަމެވެ. 2026 ވަނަ އަހަރުގެ މި ވޯލްޑް ކަޕަކީ އެ ލީގުގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި އައު އުސްމިންތަކަކަށް ވާސިލުވުމަށް ހުޅުވިގެންދިޔަ ރަން ދޮރެކެވެ.



ކިޔުންތެރިންގެ ހިޔާލު