އިބްރާހީމް އިސްމާޢީލް (އިބްރާ)
އިބްރާހީމް އިސްމާޢީލް (އިބްރާ)
އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގްވިރާ އިސްވެ ހުރެ، 4,200 އަށްވުރެ ގިނަ ޔަހޫދީން މަސްޖިދުލްއަޤްޞާއަށް ވަދެގަތް މައްސަލައިގައި، ސަޢޫދީ ޢަރަބިއްޔާއާއި އިސްލާމީ ގައުމުތަކުން ހިމޭނުން ތިބޭތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިބުރާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ، އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިމުގެ ޙުރުމަތް ސަހްޔޫނީން ކަނޑަމުންދާއިރުވެސް، އިސްލާމީ ދައުލަތްތަކުން އެކަމާ ދެކޮޅަށް އެއްވެސް ބަހެއް ބުނެފައި ނުވާތީއެވެ.





މި މައްސަލައިގައި ރާއްޖެއިން ވެސް ޗުއްޕުވެސް ބުނެނުލާ އޮތުމުން، މާޒީގައި ރާއްޖޭގައި ހިނގާފައިވާ ކަންކަމާ އަޅާކިޔުއްވައި އިބުރާ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް އައުމުން، މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިސްވެ ހުންނަވައިގެން މަގުތަކަށް ނުކުމެ ކުރެއްވި އިހުތިޖާޖުތައް އޭނާ ހަނދާންކޮށްދެއްވިއެވެ. އޭރު ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ޑޮކްޓަރުންގެ ޕްރޮގްރާމް ހުއްޓާލައި އެމީހުން ފޮނުވާލަން ސަރުކާރަށް މަޖުބޫރުވިއެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ވަޒީރު ބެން ގްވިރާ އާއި ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތަށް ވަދެގަތުމަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޚިލާފު އަމަލެކެވެ. 1967 އިން ފެށިގެން އޮންނަ އުޞޫލުގެ ދަށުން އެ މިސްކިތް ބަލަހައްޓަނީ އުރުދުންއިން ކަމަށްވާއިރު، މުސްލިމް ނޫން ފަރާތްތަކަށް އެތަނުގައި އަޅުކަން ކުރުމަކީ މަނާކަމެކެވެ. ނަމަވެސް ބެން ގްވިރާ ދަނީ ގަވާއިދުން އެތަނަށް ވަދެގަނެ، ޔަހޫދީންގެ އަޅުކަންތައް ކުރިއަށްގެންގޮސް، އެތަނުގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމަށްވެސް ގޮވާލަމުންނެވެ.

އިޒްރޭލުގެ އިސްތިޢުމާރީ އަމަލުތަކާ ދެކޮޅަށް މީގެ ކުރިން އަރަބި ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ފަހަކަށް އައިސް "އަބްރަހަމް އެކޯޑްސް" ފަދަ އެއްބަސްވުންތަކުގެ ދަށުން ބައެއް ގައުމުތަކުން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުން، އެ ގައުމުތަކުގެ ރައްދު މިހާރު ވަނީ ވަރަށް ބޮޑަށް މަޑުމައިތިރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު