ސިނަމާލެ ބްރިޖުގެ ހައިވޭ
ސިނަމާލެ ބްރިޖުގެ ހައިވޭ
ސިނަމާލެ ބްރިޖާއި ހައިވޭގައި އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް، ބާރު ދުވެލީގައި ސައިކަލް ދުއްވި މައްސަލައެއްގައި ތިން އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. ފުލުހުން މި ފިޔަވަޅު އަޅާފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން ހިންގި ތަހުގީގަށް ފަހުގައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ހައިވޭގައި ބާރު ދުވެލީގައި ދަތުރުކުރި ހަތަރު ސައިކަލެއްގެ ތެރެއިން ތިން ސައިކަލެއް ދުއްވަން ތިބި މީހުން ވަނީ، މަގުމަތީގެ ރައްކާތެރިކަމަށް ބެލުމެއް ނެތި، ސައިކަލު މަތީގައި ބަނޑުއަޅައިގެން އޮށޯވެ އާދަޔާ ހިލާފު ނުރައްކާތެރި އަމަލުތަކެއް ހިންގާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ނުރައްކާތެރިކޮށް ދުއްވި އެ ތިން ސައިކަލް 30 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، އެ އުޅަނދުތައް ދުއްވަން ތިބި މީހުންނާ މެދު ގާނޫނީ ގޮތުން އެޅި ފިޔަވަޅެއްގެ ތަފުސީލު ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ސިނަމާލެ ބްރިޖާއި އެއާޕޯޓް ހައިވޭއެވެ.



ކިޔުންތެރިންގެ ހިޔާލު