އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ކައުންސިލްތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސިޔާސީ އެއްވެސް ނުފޫޒެއް ނެތި، އިދާރީ އަދި މާލީ ގޮތުން ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަން ދޭންޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހިތަދޫ ސިޓީ ސްކެއާގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ، މިނިވަން ދުވަހުގެ ހަގީގީ މާނަ ރައްޔިތުންނަށް އިހުސާސް ކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި މިހާރު ގިނަ ގޮންޖެހުންތަކަކާއި ތަފާތުކުރުންތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް އޮތްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އައްޑޫ ސިޓީގެ އިތުރުން އެހެން ސިޓީތަކުގެ ހިންގުމުގައިވެސް ތަފާތުކުރުންތައް ގެންގުޅޭކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގުމުގެ ފުރުސަތު ކައުންސިލްތަކަށް ދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ކަންކަން ހުރި ގޮތުން އިދާރީ އަދި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން، ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނެރެދިނުމަށް ދަތިތަކެއް ހުރިކަން ނިޒާރު ފާހަގަކުރެއްވިއެވެ. މި ހުރަސްތަކުގެ ސަބަބުން އުފެދޭ ޝަކުވާތަކާއި ކަންބޮޑުވުންތައް އަމާޒުވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ވެރިންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތަކާއި، މިލްކިއްޔާތުތަކުގެ އިތުރުން، އިދާރީ އަދި މާލީ ކަންކަމުގައި ފުރިހަމަ އިޚްތިޔާރު ކައުންސިލްތަކަށް ލިބެންޖެހޭ ކަމަށް މޭޔަރު ބާރުއެޅުއްވިއެވެ.

މިނިވަންކަމުގެ ފުރިހަމަ އިހުސާސް ކުރެވޭނީ ސިޔާސީ ފިއްތުންތަކާއި ޒާތީ ތަޢައްޞުބުން އެއްކިބާވެ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގު ތަނަވަސްވެގެންކަން ފާހަގަކުރައްވަމުން، ތަފާތުކުރުންތައް ނައްތާލައި ހަމަހަމަކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އައްޑޫ މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު