އެމްއެފްޑީއޭ-
އެމްއެފްޑީއޭ-
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންސްޕެކްޓަރުންނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ދުރާލައި އެންގުމަކާ ނުލައި ކާބޯތަކެތި އުފައްދާ އަދި ވިއްކާ ތަންތަނަށް ވަދެ ބަލައި ފާސްކުރުމާއި، ތަކެތީގެ ސާމްޕަލް ނެގުމުގެ އިތުރުން، ސިއްހީ މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމާއި ނައްތައިލުމުގެ އިޚުތިޔާރު އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. ނަމަވެސް، އަމިއްލަ މީހުން ދިރިއުޅޭ ގެދޮރު ބަލައި ފާސްކުރެވޭނީ އެ ފަރާތެއްގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑުތަކަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމަށާއި، ރިޝްވަތު ހިފުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޮގު މައުލޫމާތު ފެތުރުން ފަދަ އަމަލުތައް ވަނީ ކަނޑައެޅިގެން މަނާކޮށްފައެވެ. މި ފަދަ ކަމެއް ފުރަތަމަ ފަހަރަށް ކޮށްފިނަމަ 5,000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ކުށް ތަކުރާރުވާ މިންވަރަށް ބަލައި ޖޫރިމަނާގެ އަދަދު ބޮޑުވަމުން ގޮސް، ފަސްވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

މި ޖޫރިމަނާތަކުގެ އިތުރުން، ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބޭ އިންސްޕެކްޓަރުންނަށް ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުތައްވެސް އެޅޭނެއެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި، އިންސްޕެކްޓަރަކު ނިންމާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމިތާ 15 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެފަދަ ޝަކުވާއެއް ހުށަހަޅާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއިން އެކަމަށް ޖަވާބެއް ދޭންޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު