އެމްއެފްޑީއޭ ހިންގާ އިމާރާތް--
އެމްއެފްޑީއޭ ހިންގާ އިމާރާތް--
ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކާ ބައެއް ކާބޯތަކެތީގެ ޞިއްޙީ ފައިދާތައް އިލްމީ ގޮތުން ކަށަވަރުކުރެވިފައިނުވާ ކަމަށާއި، މިފަދަ އުފެއްދުންތައް އިޝްތިހާރުކުރުމުގައި ލެބޯޓްރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރުން މަނާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފިއެވެ. މިކަމާ ގުޅިގެން އެ އޮތޯރިޓީން ވަނީ އާއްމުން ސަމާލުވެ، ކާބޯތަކެތީގެ ސިއްޙީ ދަޢުވާތަކުގެ ސައްހަކަން ބެލުމަށް އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޞިއްޙީ އެތައް މަންފާއެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެއްޗާ ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓްރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވެއެވެ.

އެމްއެފްޑީއޭއިން ހާމަކުރެއްވި ގޮތުގައި، ކާބޯތަކެތި އިޝްތިހާރުކުރުމުގައި، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓްރީއަކުން ދޫކުރާ ރިޕޯޓެއް ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލައިސިސް" އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް ބޭނުންކުރުމަކީ، 'ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު' (ގަވާއިދު ނަންބަރު 2025R-26) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެކެވެ.

މީގެއިތުރުން، އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްޞަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް މާކެޓުކުރާ އުފެއްދުންތަކާ ގުޅިގެން ވެސް އެ އޮތޯރިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްއެފްޑީއޭއިން ފާހަގަކުރައްވާ ގޮތުގައި، ކާބޯތަކެތީގެ އެއްވެސް ބާވަތަކުން ޞިއްޙަތަށް ޚާއްޞަ ފައިދާތަކެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ، 'ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު' ގެ 7 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކަމެކެވެ.





އެމްއެފްޑީއޭއިން އިތުރަށް ބުނީ، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ، އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ޞިއްޙީ މަޢުލޫމާތަކީ ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މަޢުލޫމާތަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ޞިއްޙީ ފައިދާ ޢިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް ޢާންމު ރައްޔިތުންނަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު