މޭޔަރު އަލީ ނިޒާރު
މޭޔަރު އަލީ ނިޒާރު
ސަރުކާރުން ގެންގުޅޭ ބައެއް ސިޔާސަތުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސް އެޅި، އަމިއްލަ އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އައްޑޫގެ އިގްތިސާދީ މަސައްކަތްތަކަށް ނުހަނު ބޮޑަށް ބުރޫއަރަމުންދާ ކަމަށެވެ. ހާއްސަކޮށް "ސަވާހިލި" މަޝްރޫއާ ގުޅިގެން ކަންތައްތައް ހިނގައިދިޔަ ގޮތުން، ފޭދޫ ޓޫރިޒަމް ޒޯނުގައި އިންވެސްޓްކުރާ ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ފޭދޫ ޓޫރިޒަމް ޒޯނުގައި މިހާރު ކުރިއަށްދާ އިންވެސްޓްމެންޓްތަކަކީ އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ލޯނެއް ނުނަގައި، ހަމައެކަނި އައްޑޫގެ ވިޔަފާރިވެރިން އަމިއްލައަށް ނަގާފައިވާ ބޮޑު ރިސްކެކެވެ.

"އެބޭފުޅުންނަށް މިހާރު އޮތް ބިރުވެރިކަމަކީ ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލުތަކުން އެކުރާ އިންވެސްޓްމެންޓުގެ ސެކިއުރިޓީ ނުވަތަ އެކަމުގެ ހުރި ރައްކާތެރިކަމާ މެދު އުފެދޭ ސުވާލުތައް. އަޅުގަނޑާ އިއްޔެ ނޫން ކުރީ ދުވަހުވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ބައްދަލުކޮށް، އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވަނީ ބުނެފައި،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ އިގްތިސާދު ބިނާކުރުމަށް ކުރެވޭ މަސައްކަތަކީ ވަރަށް ނާޒުކު ހާލަތެއްގައި އޮތް ކަމެކެވެ. މިއީ ވަރަށް ބޮޑު އިގްތިސާދެއްގެ ތެރެއިން ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި، ވަރަށް ގިނަ ބަޔަކު ގުޅިގެން ނަގާފައިވާ ބޮޑު ރިސްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް ނެގޭ ރިސްކުތަކަށް އެއްވެސް ކަހަލަ ސެކިއުރިޓީއެއް ނުވަތަ ޔަގީންކަމެއް ނެތް ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް. މި ޔަގީންކަން ނުލިބެނީ ސަރުކާރުގެ ސިޔާސަތުތަކާއި ޕޮލިސީތަކުގެ ތެރެއިން. އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަހެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުތައް ވުމަކީ ވަރަށް ދެރަ ކަމެއް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ ވާހަކަ ނިންމަވާލެއްވީ، އައްޑޫގައި އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލައްވަމުންނެވެ. އޭނާ ވިދާޅުވީ މިފަދަ ސިޔާސަތުތަކުގެ ސަބަބުން މުޅި ސިޓީގެ އިގްތިސާދީ ކުރިމަގަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު