އޭސީސީގެ ރައީސް
އޭސީސީގެ ރައީސް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެމް.އެޗް.އާރް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމައިފިއެވެ.

އޭސީސީން ބުނީ މި މައްސަލައަކީ އޭ.ސީ.ސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތަޙުޤީޤު ކޮށްފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 29 ޖޫން 2026 ގައެވެ.

އޭސީސީގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމް.އެޗް.އާރް ޓްރޭޑިންގގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

އެގޮތުން، އެސް.އޯ.އެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325،000.00 (ތިން ލައްކަ ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު އެމް.އެޗް.އާރް އަދި އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް، އެ ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ތަޙުޤީޤުގައި ސާބިތުކޮށްދެވިފައެއް ނުވެއެވެ.

މީގެ އިތުރުން، އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50،000.00 (ފަންސާސް ހާސް) އެމެރިކާ ޑޮލަރުވެސް، އެމް.އެމް.ޕީ.އާރ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް އެމް.އެޗް.އާރްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ވަނީ ހާމަވެފައެވެ. ތަޙުޤީޤުން އެނގޭ ގޮތުގައި، މި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމް.އެޗް.އާރް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން މުޢާމަލާތްތަކުން އެނގެން އޮވެއެވެ.

މި މައްސަލައިގައި އެމް.އެޗް.އާރްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ "މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނު" ގެ 53 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުންނެވެ.

އޭ.ސީ.ސީ އިން އިތުރަށް ނިންމާފައިވަނީ، އެމް.އެޗް.އާރްގެ އެކައުންޓަށް ޖަމާކުރި 325،000 ޑޮލަރަށްވާ 5،011،500.00 (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ) ރުފިޔާއާއި، ފުށިދިއްގާގެ މައްސަލައިގައި ހިމެނޭ 50،000 ޑޮލަރުގެ އިތުރުން، އެ ފައިސާ އިންވެސްޓްކޮށްގެން ހޯދާފައިވާ ފައިދާ އަނބުރާ ދައުލަތަށް ހޯދުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ފޮނުވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު