ބޮލީވުޑްގެ މަޝްހޫރު ފިލްމު "ދަޅަކް" އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި ޖާންވީ ކަޕޫރު އަލުން އެކުގައި ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އިޝާން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވަނީ ޖާންވީއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯގައި ދެ ތަރިން ފެންނަނީ އިންޑިއާގެ ސަގާފީ ހެދުމުގައެވެ. އެގޮތުން އިޝާން ހުދު ކުލައިގެ "ޝޭރްވާނީ" އަކާއި ފަގުޑިއެއް އަޅައިގެން ހުރިއިރު، ޖާންވީ ހުރީ ގަދަ ރަތްކުލައިގެ "ލެހެންގާ" އެއްގައެވެ. ސިޑިއެއްގެ މަތީގައި އަތާއި އަތް ގުޅުވައިލައިގެން ތިބި މި ދެ ތަރިންގެ ފޮޓޯއާއެކު އިޝާން ލިޔެފައިވަނީ، ބައެއް ބައްދަލުވުންތަކަކީ ވަގުތު ފާއިތުވެފައިވާކަން އިހުސާސް ނުކުރެވޭ ފަދަ ޚާއްސަ ބައްދަލުވުންތަކެއް ކަމަށެވެ.

ބެލެވޭ ގޮތުގައި މި ދެ ތަރިން އަލުން އެކުގައި ފެނިގެން މިދަނީ އިޝްތިހާރެއްގެ މަސައްކަތަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިޝާން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ފޮޓޯއާއެކު ފޭނުންނަށް އާވެގެން ދިޔައީ 2018 ވަނަ އަހަރު ނުކުތް "ދަޅަކް" ފިލްމުގައި މި ދެ ތަރިން ދެއްކި ފުރިހަމަ ކެމިސްޓްރީއެވެ. ޝަޝަންކް ޚައިތާން ޑައިރެކްޓްކުރި މި ފިލްމަކީ 2016 ވަނަ އަހަރު ނުކުތް މަރާތީ ފިލްމު "ސައިރާތު" ގެ ހިންދީ ރީމޭކެކެވެ. މިއީ ޖާންވީ ކަޕޫރުގެ ފުރަތަމަ ފިލްމެވެ. އަދި އިޝާން ޚައްތަރު ލީޑް ރޯލަކުން ފެނުނު ފުރަތަމަ ފިލްމުވެސް މެއެވެ.

"ދަޅަކް" ސިނަމާތަކަށް އައީ ޖުލައި 20، 2018 ގައެވެ. އެއީ ޖާންވީގެ މަންމަ، މަޝްހޫރު ފިލްމީ ތަރި ސްރީދޭވީ ކުއްލި ގޮތަކަށް ނިޔާވިތާ މަދު މަސްތަކެއް ފަހެވެ. އެ ފިލްމަށްފަހުވެސް އިޝާން އާއި ޖާންވީއަކީ ގާތް ދެ އެކުވެރިންގެ ގޮތުގައި ފާހަގަކުރެވޭ ދެ ތަރިންނެވެ.



ކިޔުންތެރިންގެ ހިޔާލު