ކޯސްޓް ގާޑު، ފޮޓޯ: އެމްއެންޑީއެފް
ކޯސްޓް ގާޑު، ފޮޓޯ: އެމްއެންޑީއެފް
ކ. ގާފަރު ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށްޓަކައި ކަނޑުގެ ބޮޑު ސަރަހައްދެއް ބެއްލިއްޖެ ކަމަށާއި ނަމަވެސް، މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގެއްލިފައިވާ ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. މި ހޯދުމުގެ ތެރެއިން ކަނޑާއި ވައިގެމަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި އޮޕަރޭޝަނުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތައް ދަނީ ހުއްޓުމެއް ނެތި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދިއުމާ ގުޅިގެންނެވެ. އެ އުޅަނދު އަޑިއަށް ދިޔަ އިރު އޭގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. އޭގެ ތެރެއިން އަށް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، އަދިވެސް ދެ ބިދޭސީއަކު ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި އިރު ރާއްޖޭގެ މޫސުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ކަނޑުގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ބައެއް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ގެއްލުނު ދެ މީހުން ފެންނަންދެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް