އަހުމަދު ޔާމިން   1 އޯގަސްޓު 2026 - 17:9
އަސްމާ ބިންތި އަބޫ ބަކުރު އައްޞިއްދީޤު (ރ.ޢ)ގެ މަޤްބަރާ
އަސްމާ ބިންތި އަބޫ ބަކުރު އައްޞިއްދީޤު (ރ.ޢ)ގެ މަޤްބަރާ
އަސްމާ ބިންތި އަބޫ ބަކުރު އައްޞިއްދީޤު (ރ.ޢ) އަކީ ޢަބްދުﷲ ބިން އައްޒުބައިރު (ރ.ޢ) ގެ މަންމާފުޅެވެ. އެކަމަނާގެ ބައްޕާފުޅަކީ ކީރިތި ރަސޫލާ (ޞ.ޢ.ވ) ގެ އެންމެ ގާތް އެކުވެރިޔާ އަބޫބަކުރު އައްޞިއްދީޤު (ރ.ޢ) އެވެ. މަންމާފުޅަކީ އަބޫބަކުރުގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޤުތައިލާ ބިންތި ޢަބްދުލްޢުއްޒާ އެވެ. އިސްލާމްދީން އައުމުގެ ކުރިން އަސްމާގެފާނުގެ މައިންބަފައިން ވަނީ ވަރިވެފައެވެ. ބައްޕާފުޅު އަބޫބަކުރުގެފާނަކީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވި ބޭފުޅާ ކަމުގައި ވީނަމަވެސް، މަންމާފުޅު ޤުތައިލާ ހުންނެވީ މުޝްރިކެއްގެ ގޮތުގައެވެ.

އަސްމާގެފާނަކީ މުއުމިނުންގެ މަންމަ ޢާއިޝާ ބިންތި އަބީ ބަކުރު (ރ.ޢ) ގެ ދޮށީ ދައްތާފުޅެވެ. އިބްނު ކަޘީރުގެ ރިވާޔަތްތަކުން އެނގޭ ގޮތުގައި އަސްމާގެފާނު ޢާއިޝާގެފާނަށްވުރެ ދިހަ އަހަރު ދޮއްޓެވެ. ނަމަވެސް އިމާމް އައްޛަހަބީ ބަޔާންކުރައްވާ ގޮތުގައި އެ ދެބޭފުޅުންގެ ދެމެދުގައި 13 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުގެ ތަފާތެއް ހުއްޓެވެ. ތަފާތު މަޞްދަރުތަކުން އެނގޭ ގޮތުގައި އަސްމާގެފާނަކީ އިސްލާމްދީން ގަބޫލުކުރި 15 ވަނަ ނުވަތަ 17 ވަނަ މީހާއެވެ. އެކަމަނާ ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ބައިޢަތު ހިއްޕަވައި، އެކަލޭގެފާނުގެ ރިސާލަތަށް ފުރިހަމައަށް އީމާންވެ ވަޑައިގަތެވެ.

އެއްފަހަރަކު އަސްމާގެފާނުގެ މަންމާފުޅު ޤުތައިލާ، އެކަމަނާއަށް ހަދިޔާ (ކަދުރު ފަދަ ތަކެތި) ހިއްޕަވައިގެން މަދީނާއަށް ޒިޔާރަތް ކުރެއްވިއެވެ. ނަމަވެސް، މުޝްރިކު މަންމައަކަށް މެހެމާންދާރީ އަދާކުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއްތޯ ކީރިތި ރަސޫލާ (ޞ.ޢ.ވ) ގެ އަރިހުން އޮޅުންފިލުވުމަށް ކޮއްކޯފުޅު ޢާއިޝާގެފާނު ފޮނުއްވައި، އެކަލޭގެފާނުގެ ހުއްދަ ލިބިވަޑައިގަންނަވަންދެން މަންމާފުޅު ގެޔަށް ވެއްދުމަށާއި ހަދިޔާ ގަބޫލުކުރުމަށް އަސްމާގެފާނު އިންކާރު ކުރެއްވިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ބުޚާރީ އާއި މުސްލިމް ރިވާކުރަށްވާފައިވާ ޙަދީޘެއްގައި އަސްމާގެފާނު ވިދާޅުވެފައިވެއެވެ: "ރަސޫލާ (ޞ.ޢ.ވ) ގެ ޒަމާނުގައި، އަދިވެސް މުޝްރިކެއްގެ ގޮތުގައި ހުރި މަގޭ މަންމަ މަގޭ ގާތަށް އައެވެ. ދެން ތިމަންކަމަނާ އެކަލޭގެފާނުގެ އަރިހުން އެކަމާ ބެހޭގޮތުން ސުވާލު ދެންނެވީމެވެ. 'އަޅުގަނޑުގެ މަންމަ އަޅުގަނޑުގެ ގާތަށް އައިސް، އަޅުގަނޑުގެ ފަރާތުން ހެޔޮކަމަކަށް އެދެއެވެ. އެކަމަނާއާ ގުޅުން ބާއްވަންވީތޯއެވެ؟' ރަސޫލާ (ޞ.ޢ.ވ) ޙަދީޘް ކުރެއްވިއެވެ: 'އާނއެކެވެ، ކަމަނާގެ މަންމައާ ގުޅުން ބާއްވާށެވެ.'" (ޞަޙީޙް ބުޚާރީ: 2620)

ކީރިތި ރަސޫލާ (ޞ.ޢ.ވ) އަބޫބަކުރުގެފާނާއެކު މަދީނާއަށް ހިޖުރައަށް ފުރާވަޑައިގަތްއިރު، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހުރިހާ މުދަލެއް ގެންދެވިއެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤުޙާފާ، އަސްމާގެފާނުގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ: "މި މީހާ (އަބޫ ބަކުރުގެފާނު) ތިޔަބައިމީހުން ނިކަމެތިކޮށްލައިފިއެވެ. އޭނާގެ އަމިއްލަ ނަފްސާއި މުދަލުން ތިޔަބައިމީހުން މަޙްރޫމްކޮށްފިއެވެ."

އަސްމާގެފާނު ވަރަށް ކެރިވަޑައިގެން ޖަވާބު ދެއްވިއެވެ: "ނޫނެކެވެ، އެކަލޭގެފާނު އަޅުގަނޑުމެންނަށް ވަރަށް ގިނަ ތަކެތި ދޫކުރައްވާފައިވެއެވެ." ދެން އެކަމަނާ ބައެއް ހިލަތަކެއް ފޮތިގަނޑަކުން ނިވާކުރައްވައި، ލޯފަން ކާފާފުޅުގެ އަތްޕުޅަށް ލައިދެއްވައި ވިދާޅުވިއެވެ: "މިއީ އެކަލޭގެފާނު ދޫކުރެއްވި ތަކެއްޗެވެ." އެ ހިލަތަކުގައި އަތްލެއްވުމަށްފަހު، އެއީ މުދާ ކަމަށް ހީކުރައްވައި ކާފާފުޅު ވިދާޅުވިއެވެ: "މިހާ ގިނަ ތަކެތި ދޫކޮށްފައި ދިޔަނަމަ އެންމެ ރަނގަޅެވެ." މި ހިކުމަތްތެރި އަމަލުން އެކަމަނާ ކާފާފުޅުގެ ހިތްހަމަ ޖައްސަވައިދެއްވިއެވެ.

ރަސޫލާ (ޞ.ޢ.ވ) މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރިން، ދުޝްމަނުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް ރޭވިއެވެ. އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އޭރު މަދީނާއަށް ފޮނުއްވައިފިއެވެ. ޢަލީގެފާނު (ރ.ޢ) ވަނީ އެކަލޭގެފާނުގެ އެނދުފުޅުގައި އޮންނަވައި ދުޝްމަނުންނާ ކުރިމަތި ލެއްވުމަށް ތައްޔާރުވެވަޑައިގެންފައެވެ. ހިޖުރައިގެ ދަތުރުފުޅުގައި ރަސޫލާ (ޞ.ޢ.ވ) ގެ ހަމައެކަނި ބައިވެރިއަކީ އަބޫ ބަކުރުގެފާނެވެ. އެ ދެބޭފުޅުން މައްކާއާ ތިން މޭލު ދުރުގައިވާ ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިން ރޭ ވަންދެން ފިއްލަވައި ތިއްބެވިއެވެ. ދުޝްމަނުން އެކަލޭގެފާނު ހޯދުމަށް މުޅި ސަރަހައްދުގައި ފޯރިމަރަމުން ދިޔައިރު، އެބޭފުޅުންނަށް ކާބޯތަކެތި ފޯރުކޮށްދެއްވީ އަސްމާގެފާނެވެ.

އަބޫ ޖަހުލު ވަރަށް ބޮޑަށް ކޯފާވެގެން އަސްމާގެފާނުގެ ގާތަށް އައިސް، ރަސޫލާ (ޞ.ޢ.ވ) އާއި ބައްޕާފުޅު ފިއްލަވައި ތިއްބެވި ތަން ބުނުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެކަމަނާ ހިމޭނުން ހުންނަވައި، ވަރަށް ކެރިވަޑައިގެން އޭނާއާ ކުރިމަތިލެއްވިއެވެ. އެކަމަނާގެ އަނގަ ހުޅުވޭގޮތް ނުވުމުން، އަބޫ ޖަހުލު އެކަމަނާގެ މޫނުމަތީގައި ޖެހިލެއް ބާރުކަމުން، އެކަމަނާ އަޅުއްވައިގެން ހުންނެވި ކަންފަތުލާ އެތިވެސް ވެއްޓުނެވެ. އެންމެ ފަހުން އެއްވެސް މައުލޫމާތެއް ނުލިބުމުން އޭނާ އެތަނުން ދިޔައީއެވެ.

އަސްމާގެފާނަށް "ޛާތުއް ނިތާޤައިން" (ދެ އުނަގަނޑު ފޮތިގަނޑުގެ ވެރިޔާ) ގެ ލަގަބު ދެއްވީ ކީރިތި ރަސޫލާ (ޞ.ޢ.ވ) އެވެ. އެއީ ހިޖުރައިގެ ދަތުރުފުޅުގައި ޘައުރު ހޮހަޅައަށް ކާބޯތަކެތި ގެންދިއުމަށްޓަކައި، ތަކެތި ބަންދުކުރާނެ ވަލެއް ނެތުމުން އެކަމަނާގެ އުނަގަނޑުގައި އޮތް ފޮތިގަނޑު ދެބައިކޮށްލައްވައިގެން ބޭނުންކުރެއްވުމުންނެވެ.

އަސްމާގެފާނު މަދީނާއަށް ހިޖުރަކުރެއްވިތާ މާގިނަ ދުވަހެއް ނުވެ، ދަރިކަލުން ޢަބްދުﷲ ބިން އައްޒުބައިރު (ރ.ޢ) އުފަންވިއެވެ. މިއީ މުސްލިމުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. އެއީ ހިޖުރައަށްފަހު އިސްލާމީ މުޖުތަމައުއަށް އުފަންވި ފުރަތަމަ ކުއްޖާ ކަމަށްވާތީއެވެ. ރަސޫލާ (ޞ.ޢ.ވ) އެ ދަރިކަލުން އަތްޕުޅަށް ނަންގަވައި، މަރުޙަބާ ވިދާޅުވިއެވެ. އަދި ކަދުރުކޮޅެއް ހަފާލެއްވުމަށްފަހު ކުއްޖާގެ އަނގަޔަށް ލައިދެއްވިއެވެ (ތަޙްނީޤް ކުރެއްވިއެވެ).

ކައިވެނީގެ ކުރީކޮޅު އެކަމަނާގެ ދިރިއުޅުން އުޅުއްވީ ވަރަށް ނިކަމެތިކޮށެވެ. ފިރިކަލުން އައްޒުބައިރު ބިން އަލްޢައްވާމް (ރ.ޢ) އަށް ޚިދުމަތް ކުރެއްވުމާއި، ފާރޮށި ފިއްސެވުމާއި، ގެދޮރު ސާފުކުރުމާއި، އަސްކޮޅަށް ކާންދެއްވުމުގެ މަސައްކަތް ކުރެއްވީ އަމިއްލަފުޅަށެވެ.

ޒުބައިރުގެފާނަކީ ރަސޫލާ (ޞ.ޢ.ވ) ގެ ބޮޑުދައިތާފުޅު ޞަފިއްޔާ ބިންތި ޢަބްދުލްމުއްޠަލިބުގެ ދަރިކަލުންނެވެ. މަދީނާއަށް ވަޑައިގެންނެވި އިރު، އަސްކޮޅެއް ފިޔަވައި އެއްވެސް މުދަލެއް ނެތެވެ. ރަސޫލާ (ޞ.ޢ.ވ) އެކަލޭގެފާނަށް ގެއެއް ދެއްވިއެވެ. އަސްކޮޅު ބެލެހެއްޓުމާއި، ފެން އުފުލުމާއި، ފުށް މޮޑުމަކީ އަސްމާގެފާނުގެ ޒިންމާއެކެވެ. އެކަމަނާއަށް ފާރޮށި ފިހަން ނޭނގޭތީ، އަންޞާރީ އަވަށްޓެރި އަންހެން ބޭކަނބަލުން އެކަމަނާއަށް އެކަމުގައި އެހީތެރިވެދެއްވައެވެ.

އައްޒުބައިރުގެފާނުގެ ބިމުން، ބޮލަށް ކަދުރު އޮށް ބަރުކުރަށްވައިގެން ދެ މޭލު ދުރުގައި ހުންނަ ގެއަށް އެކަމަނާ ހިންގަވާފައި ވަޑައިގަންނަވައެވެ. އެއްދުވަހަކު ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް މި މަންޒަރު ފެނިވަޑައިގަތުމުން، އެކަމަނާ ސަވާރުކުރެއްވުމަށްޓަކައި ޖަމަލު އިށީންނެވިއެވެ. ނަމަވެސް، ފިރިކަލުންނަކީ ނުހަނު ޣީރަތްތެރި ބޭފުޅަކަށް ވާތީ، އެކަލޭގެފާނު ހިތްޕުޅު ހަމަނުޖެހިދާނެތީ އެކަމަނާ ލަދުފުޅުން އެކަމަށް އިންކާރު ކުރަށްވައި ހިންގަވާފައި ވަޑައިގަތުމަށް އިސްކަންދެއްވިއެވެ. ފަހުން މި ވާހަކަ ފިރިކަލުންގެ ގާތުގައި ދެންނެވުމުން، އެކަލޭގެފާނު ވިދާޅުވީ ބަރު އުފުއްލަވައިގެން ހިންގެވުމަށްވުރެ ޖަމަލަށް ސަވާރުވުން މާ ރަނގަޅުވީސް ކަމަށެވެ. ފަހުން ބައްޕާފުޅު އަބޫބަކުރުގެފާނު އެކަމަނާއަށް އެހީތެރިއަކު (އަޅަކު) ފޮނުއްވުމުން، އަސްމާގެފާނު ވިދާޅުވީ އެއީ ހީވީ އެކަމަނާ މިނިވަންކޮށްދެއްވިހެން ކަމަށެވެ. (ޞަޙީޙް ބުޚާރީ: 5224)

ފަހުގެ ދުވަސްތަކުގައި އައްޒުބައިރުގެފާނަކީ ވަރަށް މުއްސަނދި ބޭފުޅަކަށް ވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ މުދާ ގާތްގަނޑަކަށް ސާޅީސް މިލިއަން ދިރުހަމަށް ވިއްކާލެވުނެވެ.

އަސްމާގެފާނަކީ މާތްﷲ އަށް ނުހަނު ބިރުވެތިވެ، ފުރިހަމަ ސަމާލުކަމާއެކު ނަމާދުކުރެއްވި ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުން ޒުބައިރުގެފާނު ރިވާކުރައްވާ ގޮތުގައި، އެއްދުވަހަކު އެކަލޭގެފާނު ގެއަށް ވަޑައިގެންނެވިއިރު އަސްމާގެފާނު ނަމާދުގައި ކީރިތި ކުރައްވަން ހުންނެވިއެވެ. އެކަމަނާ ތަކުރާރުކޮށް ކިޔަވަމުން ގެންދެވީ ކީރިތި ޤުރުއާނުގެ ތޫރު ސޫރަތުގެ 27 ވަނަ އާޔަތެވެ. މާނައީ: "ދެން މާތްﷲ އަޅަމެންނަށް ފައިދާކުރައްވައި، އަދި އަލިފާނުގެ އަޒާބުން އަޅަމެން ސަލާމަތް ކުރެއްވިއެވެ." އެކަމަނާ މާތްﷲ ގެ މަތިވެރިކަމުގެ ތެރެއަށް ގެއްލިފައި ހުންނެވި މަންޒަރު ފެނުމުން، ޒުބައިރުގެފާނު ބާޒާރަށް ވަޑައިގެންފައި، ވަރަށް ގިނައިރު ފަހުން އެނބުރި ވަޑައިގެންނެވިއިރުވެސް އެކަމަނާ ހުންނެވީ ހަމަ އެފަދައިން އަޅުކަމުގައެވެ.

އަސްމާގެފާނަކީ ކޮއްކޯފުޅު ޢާއިޝާގެފާނު ފަދައިން ހަނދާންގަދަ ބޭކަނބަލެކެވެ. އެއްޗެއް އެއްފަހަރު އަޑުއިވުނަސް އެކަމަނާ ދުވަހަކުވެސް ހަނދާން ނުނެތެއެވެ. ޢާއިޝާގެފާނާއި، އުއްމު ސަލަމާގެފާނާއި، އަސްމާ ބިންތި ޔަޒީދުގެފާނު ފަދައިން، އެކަމަނާއަކީވެސް ގިނަ ޙަދީޘްތަކެއް ރިވާކުރައްވާފައިވާ ބޭކަނބަލެކެވެ. ގިނަ އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން ޙަދީޘްތައް ކަށަވަރު ކުރުމަށާއި އިރުޝާދު ހޯއްދެވުމަށް އެކަމަނާގެ އަރިހަށް ވަޑައިގަންނަވައެވެ.

ޔަރްމޫކް ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ހިނގި އެންމެ ވަރުގަދަ އެއް ހަނގުރާމައެވެ. މުސްލިމުންގެ ލަޝްކަރަށްވުރެ ރޫމީންގެ ލަޝްކަރު އެތައް ގުނައެއް ބޮޑު ނަމަވެސް، އަންހެން ބޭކަނބަލުންނާއި ޒުވާން ކުދިންގެ އެހީތެރިކަމާއެކު މުސްލިމުން ރޫމީން ސޫރިޔާއިން ބޭރުކޮށްލިއެވެ. އަސްމާގެފާނު މި ހަނގުރާމައިގައި ބައިވެރިވެވަޑައިގެން، މުސްލިމް ފަހުލަވާނުންނާއެކު ހިތްވަރާއެކު ހަނގުރާމަކުރެއްވިއެވެ.

އަސްމާގެފާނަކީ ނުހަނު ކެރޭ ބޭކަނބަލެކެވެ. އެކަމަނާގެ ހިތްވަރުގަދަކަން ހާމަވެގެންދަނީ، ޙައްޖާޖު ބިން ޔޫސުފް މައްކާ ވަށާލި ދުވަސްވަރު، ދަރިކަލުން ޢަބްދުﷲ އިރުޝާދަކަށް އެދިވަޑައިގަތުމުން ދެއްވި ޖަވާބުންނެވެ. އޭރު އެކަމަނާގެ އުމުރުފުޅުން ސަތޭކަ އަހަރުވެ، ލޯފަންވެފައިވެއެވެ. ޢަބްދުﷲ ގެފާނު މަންމާފުޅުގެ އަރިހަށް ވަޑައިގަތީ ދުޝްމަނުންނަށް އަމާންދޭންވީތޯ ސުވާލުކުރެއްވުމަށެވެ.

އެކަމަނާ ޖަވާބު ދެއްވީ، ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމަ މަރުވުމަކަށް ބިރުގަންނާނެ ކަމެއް ނެތް ކަމަށެވެ. ދަރިކަލުން ވިދާޅުވީ މަރުވުމަށްފަހު ދުޝްމަނުން ހަށިގަނޑު ކޮށާލަފާނެތީ ބިރުފުޅުގަންނަ ކަމަށެވެ. އެކަމަނާ ވިދާޅުވިއެވެ: "ކަތިލާފައިވާ ބަކަރިއެއްގެ ހަންގަނޑު ނެގުމަކުން، އެ ބަކަރިއަށް އެއްވެސް ތަދެއް ނުވާނެއެވެ." އަދި މަރަށް އޮންނަ ބިރަކީ ހިތްވަރުގަދަ މީހަކު ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނޫން ކަމަށާއި، ނިކަމެތިކަމާއެކު ދިރިއުޅުމަށްވުރެ އިއްޒަތުގައި މަރުވުން މާ ހެޔޮކަން ބަޔާންކޮށްދެއްވިއެވެ. މިއާއެކު ޢަބްދުﷲ ގެފާނު އާ ހިތްވަރަކާއެކު ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން ހަނގުރާމަކުރައްވަނިކޮށް، ދުޝްމަނުންގެ އަދަދު ގިނަކަމުން ޝަހީދުވިއެވެ.

އަނިޔާވެރި ޙައްޖާޖު ބިން ޔޫސުފް، އެކަލޭގެފާނުގެ ހަށިކޮޅު އެންމެންނަށް ފެންނާނޭހެން އެލުވިއެވެ. ތިން ދުވަސް ވީއިރުވެސް ބޭލިޔަ ނުދިނެވެ. ތިންވަނަ ދުވަހު، މުސްކުޅި މަންމާފުޅު ދަރިކަލުންގެ ހަށިކޮޅު ހޯއްދަވަން ވަޑައިގަތެވެ. ލޯފަންވެފައިވުމުން، އެކަމަނާ ހަށިކޮޅު ހޯއްދެވީ އަތްޕުޅުން ފިރުމަމުންނެވެ. އެކަމަނާ ދެރަވެފައި ވިދާޅުވިއެވެ: "މި ފަހުލަވާނު އަދިވެސް އަސްމަތިން ފައިބާވަގުތު ނުޖެހެނީ ހެއްޔެވެ؟" އެކަމަނާ މި ބޮޑު ހިތާމައާ ކުރިމަތިލެއްވީ ނުހަނު ކެތްތެރިކަމާއެކުގައެވެ.

ދެން ޙައްޖާޖު އެކަމަނާގެ ގާތަށް އައިސް ބުންޏެވެ: "އަހަރެން ކަލޭގެ ދަރިފުޅަށް ދިން އަދަބު ފެނިއްޖެ ހެއްޔެވެ؟" އެކަމަނާ ހަމަހިމޭންކަމާއެކު ޖަވާބު ދެއްވިއެވެ: "ކަލޭ އޭނާގެ ދުނިޔެވީ ޙަޔާތް ހަލާކުކޮށްލައިފީމެވެ. ނަމަވެސް އޭނާ ކަލޭގެ އާޚިރަތް ހަލާކުކޮށްލައިފިއެވެ." އަދި އިތުރަށް ވިދާޅުވިއެވެ: "ރަސޫލާ (ޞ.ޢ.ވ) ޙަދީޘްކުރައްވާފައިވަނިކޮށް ތިމަންކަމަނާ އަޑުއެހީމެވެ. ބަނޫ ޘަޤީފް ވަންހައިން ދޮގުވެރިއަކާއި އަނިޔާވެރިއަކު ފާޅުވާނެއެވެ. މިއަދު ތިމަންކަމަނާއަށް އެމީހަކު ފެނިއްޖެއެވެ." މި ބަސްފުޅުތައް އަޑުއިވުމުން ޙައްޖާޖު އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ.

އޭގެ މަދު ދުވަސްކޮޅެއް ފަހުން، ޢަބްދުލްމަލިކް ބިން މަރުވާންގެ އަމުރަށް ޢަބްދުﷲ ގެފާނުގެ ހަށިކޮޅު މަގްބަރާއަށް އެއްލާލިއެވެ. މި ޚަބަރު ލިބުމުން، އަސްމާގެފާނު އެ ހަށިކޮޅު ގެނުވައި، ހިނަވައި ކަފުންކޮށް، ކަށުނަމާދު ކުރައްވައި، މައްކާގައި ފަސްދާނުވެޑުވިއެވެ.

އަސްމާ ބިންތި އަބޫ ބަކުރު (ރ.ޢ) އަވަހާރަވީ ހިޖުރައިން 73 ވަނަ އަހަރު، ދަރިކަލުން ފަސްދާނުވެޑުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ ގާތްގަނޑަކަށް 100 އަހަރެވެ. އެހާ ދުވަސްވީ އުމުރުފުޅުގައިވެސް އެކަމަނާގެ ދަތްޕުޅުތަކާއި ހަނދާން ހުރީ ފުރިހަމަ ސިއްހަތެއްގައެވެ. މާތްﷲ އަސްމާ ބިންތި އަބޫ ބަކުރު (ރ.ޢ) އަށް ރަޙްމަތް ލައްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު