ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް އަލުން ވާދަކުރެއްވުމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ނިންމަވައިފިއެވެ.

މުންދު އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ފިކުރަށް ކުރިމަތިވި ދަތި ވަގުތު ރައްޔިތުންގެ ލާބައާއި މަންފާއަށް ވުޖޫދުކުރި ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ މެންބަރުން ކުރެއްވި އިތުބާރާއެކު އޭނާއަކީ އިންތިޚާބުވި ނައިބު ރައީސެއް ކަމަށެވެ.

އަދި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ވެރިކަމުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޝަރަފު ލިބިވަޑައިގެންފައިވާތީ، އެކަމަށްޓަކައި މާތް ﷲގެ ޙަޟްރަތަށް ޙަމްދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ޤައުމީ ފިކުރުގައި ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދެއްވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމުގެ މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، އޭނާގެ ޤާބިލުކަން ތަންދިން އެންމެ ފުރިހަމައަކަށް މަސައްކަތްކުރުމުގެ ވަރުގަދަ ޢަޒުމުގައި ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމެވީ ކަމަށް މުންދު ބަޔާންކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު