ފަހި ފްލެޓުތަކުގެ ބޭރުގައި ހުރި ކުނިތަކެއް-
ފަހި ފްލެޓުތަކުގެ ބޭރުގައި ހުރި ކުނިތަކެއް-
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން ޓަވަރު" ތަކުގެ އާންމު ސަރަހައްދުތަކަށް އުކާލާފައިވާ ކުނިތައް ސާފުކުރުމަށްޓަކައި، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ޚަރަދުކުރަން ޖެހިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅުން ފެށިގެން އަމާން ޓަވަރުތަކުގެ ފުލެޓުތައް ހަވާލުކުރަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރަމުންނެވެ. ނަމަވެސް، މީހުން ބަދަލުވުމުގެ މަރުހަލާގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަނީ ނުހަނު ބޮޑުވެފައެވެ. މިގޮތަށް އުކާލާފައިވާ ބޮޑެތި ކުނިފުނިތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ނުރުހުމާއި ފާޑުކިޔުން އެފްޑީސީއަށް ވަނީ އަމާޒުވެފައެވެ.

އެފްޑީސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމުލަ 5,040 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުން ނަގައި ސާފުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:

- އޮކްޓޫބަރު 2023 އިން މާރިޗު 2024 އަށް: 3,178 ޓަނުގެ ކުނި (ޚަރަދުވި އަދަދު: 8.45 މިލިއަން ރުފިޔާ)

- އޭޕްރީލް 2024: 75,100 ރުފިޔާގެ ޚަރަދު

- މެއި އިން ޖޫން 2024 އަށް: 1,862 ޓަނުގެ ކުނި (ޚަރަދުވި އަދަދު: 4.95 މިލިއަން ރުފިޔާ)

މި މަސައްކަތްތަކަށް ނުވަ މަސް ދުވަހުގެ ތެރޭގައި ޖުމުލަ 13.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނު ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން އެފްޑީސީން ވަނީ ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ. އަދި ބައެއް ފަރާތްތަކުން އުސޫލާ ޚިލާފަށް އަމަލުކުރުމުން މިހާރު ވެސް ޖޫރިމަނާކޮށްފައިވާކަން އެ ކުންފުނިން ހާމަކުރެއެވެ. އެހެންނަމަވެސް، އަދިވެސް އާންމު ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެފްޑީސީން ފާޅުކުރެއެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މިހާ ބޮޑު ހޭދައެއް ކުނި ނައްތާލުމަށް ކުރަން މިޖެހެނީ އާންމުންގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުންނެވެ. މިފަދަ ބޭކާރު ޚަރަދުތައް ކުޑަކޮށް، ހިތްފަސޭހަ އަދި ސާފު މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ތަބާވުމަށާއި، ފަރުދީ ޒިންމާ އިސްކުރުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު